މިއާއިމެދު

މަސްވެރިރާއްޖެ.ކޮމް އަކީ ދިވެހިރާއްޖޭގެ ލޭނާރު ކަމުގައިވާ މަސްވެރިކަން ޒަމާނާއި އެއްގޮތަށް ތަރަށްޤީކޮށް ބަދަލުކުރުމަށް ސަރުކާރާއި މި ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތައް އަހުލުވެރިކުރުވުމަށް ހަދާފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓްގައި އަޅުގަނޑުމެން ގެނެސްދޭނީ މަސްވެރިކަމާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތާއި މި ދާއިރާއަށް ނުކުންނަ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ބެހޭ މަޢުލޫމާއި އުޅަނދުފަހަރާއި އަދި މީހުންގެ މަޢުލޫމާތެވެ. ހަމަ އެހެންމެ އާއްމު ފަރުދުން އަޅުގަނޑުމެންނަށް ފޮނުވާ ވީޑިއޯ އާއި ފޮޓޯވެސް މިސައިޓުގައި ހިމެނޭނެއެވެ.

ހުރިހާ ބޭފުޅުންނަށްވެސް އެގިވަޑައިގަންނަވާނޭ ފަދައިން މިއަދު ދިވެހިންގެ ނޭލާރަކުން ލެއެއްނާދެއެވެ. މި ލޭނާރުގައި ހިނގާ ލޭ ފުރިހަމަ ގޮތުގައި ދެން އަންނާނީ އަޅުގަނޑުމެން ހުރިހާ ފަރާތްތަކުން އެއްވެ، އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ. މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖުރިބާގެ މައްޗަށް ވިސްނައި، މިދާއިރާ ތަރަށްޤީ ކުރުމަށް ސަރުކާރަށް ކިޔަންޖެހޭ ފާޑުކިޔުން އޭގެ މަޢުނަވީގޮތުގައި ކިޔޭނީ، ނުފޫޒުން އެއްކިބާވެގެންވާ ޕްލެޓްފޯމެއް (މާހައުލެއް) ޤާއިމް ކުރެވިގެންނެވެ. އެގޮތުގެ މަތިން މިއަދު މަސްވެރިރާއްޖެ ނަމުގައި މި ނެރުނު ވެބްސައިޓް ވެގެންދާނީ ނުފޫޒުން އެއްކިބާވެފައިވާ ޕްލެޓްފޯމަކަށެވެ. އަދި މި ވެބްސައިޓްގައި ޖަހާ އެއްވެސް ލިޔުމެއްގައި ސަރުކާރާއި އަދި ރައްޔިތުނގެ މެދުގައި ސުލްހަ މަސަލަސްކަން ގެއްލޭނެފަދަ އެއްވެސް ލިޔުމެއް އަޅުގަނޑުމެން ނުޖަހާނެ ކަމުގެ ޔަގީންކަންވެސް އަރުވަމެވެ. ނަމަވެސް ކޮރަޕްޝަނާއި ފަސާދަ މި ސިނާޢަތުގައި ހިގާނަމަ އެ ހިގާ ކަމެއްގެ ކުންނަށްގޮސް އޭގެ ތެދު، ދޮގު ހުރި މިންވަރު ބަލާ، އެކަމެއްގެ އަޑު އަޅުގަނޑުމެން އުފުލާނަމެވެ.

ނޫރާއްޖެއާއި ގުޅިގެން ނޯއާ ދޯނިން ކުރިއަށް ދިޔަ ޑޮކިއުމެންޓްރީ ހެދުމުގެ ތެރެއިން

މި ވެބްސައިޓަކީ ތިޔަ ހުރިހާފަރާތްތަކަށްވެސް މަސްވެރިކަމާއި ބެހޭގޮތުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭނެ އެއްޗަކަށް ހެދުމަށް ތިޔަ ހުރިހާ ބޭފުޅުންގެ ހިޔާލު އަޅުގަނޑުމެނަށް ބޭނުންވާނެއެވެ. ވީމާ، ހުރިހާފަރާތަކުންވެސް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށް ދިވެހިރާއްޖޭގެ ލޭނާރުކަމުގައިވާ އަޅުގަނޑުމެންގެ ޤަދީމީ މަސްވެރިކަން އިތުރު ހަރުފަތަކަށްގެނެސް، މި ސިނާޢަތަކީ ދިވެހިންގެ ރަންބިސް އަޅާ ކުކުޅުގެ ގޮތުގައި ވެގެންދިތުމަކީ އަޅުގަނޑުމެން ދެކެންބޭނުންވާ ދުވަހެކެވެ.

ޚަބަރާއި މަޢުލޫމާތާ އަދި ވީޑިއޯ ނުވަތަ ފޮޓޯ ފޮނުއްވުމަށް އަޅުގަނޑުމެންގެ އީމެއިލް ( [email protected] ) ނުވަތަ ވައިބަރ/ ޓެލިގްރާމް/ ވަޓްސްއެޕް ( 009607664002 ) ބޭނުންކުރަށް ވާށެވެ.