ރަމަޟާންމަހުގެ އަޅުކަމަށްފަހު މަސްދޯނިތައް މަހަށް ފުރޭނެ ގޮތެއްނެތި ގޮތްހުސްވަނީ
ރާއްޖޭގެ މަސްވެރިން ރަމަޟާންމަހާ ކުރިމަތިލީ ވަރަށްވެސް ކާމިޔާބު މަސްވެރިކަމުގެ ސީޒަނަކަށްފަހުއެވެ. ހަމައެހެންމެ މިފްކޯއިން މަސްވެރިންނަށް ނުދެވިހުރި ފައިސާ ރޯދަމަސް ފެށުމުގެ ކުރިން ޖަމާކޮށްދިނުމުން މަސްވެރިން ތިބީ ނުހަނު އުފަލުންނެވެ. ރާއްޖޭގެ ހުރިހާ މަސްވެރިންހެން ރަމަޟާމަހުގެ މަތިވެރި އަޅުކަމަށް ހާއްސަ އިސްކަމެއް ދެއްވުމަށް މަސްވެރިކަމުން ޗުއްޓީ ނަންގަވައި އާއިލާއާއި އެކު އަޅުކަމުގައި ހޭދަކުރެއެވެ.
ރޯދަމަހަކީ މަސްވެރިންނަށް ލިބޭ އެންމެ ބޮޑު ޗުއްޓީކަމުން މަސްދޯނިތަކުގެ ފަޅުވެރިންގެ ޓްރާސްފާ މާކެޓް، މިދެންނެވީ އެއްދޯނިން އަނެއްދޯންޏަށް ފަޅުވެރިން ބޮޑު މުސާރާގައި ގެންދިއުމުގެ ކަންކަން ހިނގަނީ ރޯދަމަސްތެރޭގައެވެ. މިހުރިހާ ކަމެއް ނިންމައި ހަރޯދަ ނިމުމުން މަސްވެރިކަމަށް ނުކުތުމަށް ކަންތައްތައް ތަރުތީބުކޮށްހަދައެވެ.
ނަމަވެސް މިރޯދަމަސް ނިމި ހަރޯދަ ނިމުނުއިރުވެސް މަސްދޯނިތަކަށް ފުރޭގޮތެއް ނުވިއެވެ. ފަޅުވެރިންގެ ކޯރަމް ހަމައެއްނުވިއެވެ. މަހައްދާނެ ފަޅުވެރިން ނުލިބުނީއެވެ. މަސްވެރިކަމުން އާއްމުދަނީ ހޯދަމުންއައި އެތައް ބަޔަކަށް މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ބަހައިލީއެވެ.
މަސްވެރި ރާއްޖެއާއި ވާހަކަދެއްކި އިހަވަންދޫ ކެޔޮޅަކު ބުނީ އެބޭފުޅައިގެ ދޯނިން މަހަށްދިޔަ ދިވެހި 5 ފަޅުވެރިންނަށް ވަޒީފާ ހަމަޖެހުމުން މަހައްދެވޭނެ ގޮތެއް އަދިވެފައިނުވާކަމަށެވެ. “އަދި އެބަތިބި މަހައްދާންބޭނުންވާ ދިވެހި 8 ފަޅުވެރިން އެކަމު ދޯނިފުރޭނެގޮތެއްނެތް މަދުވެގެން 15 ފަޅުވެރިން ނެތި ބޮޑެތި ދޯނިފަހަރުގަ މަސްވެރިކަމެއް ނުކުރެވޭނެ، ކިހިނެއް އެންވެރިކަން ކުރާނީ، އެހެންވެ އަޅުގަނޑުމެން ކާންބޯންކުރަމުންއައި މަސައްކަތް މިވަނީ ހުއްޓިފައި.” ކެޔޮޅު މަނިކު ބުންޏެވެ.
ދެކުނުގެ މަސްވެރި ރަށްތަކުގެ ހާލަތުވެސް ހަމަހުރީ މިފަދައިންނެވެ. ގދ މަޑަވެލިން މަސްވެރިރާއްޖެއަށް ވާހަކަދެއްކި އޮޑިވެރިއެއް އަސަރާއެކު ފާހަގަކުރެއްވީ މަސްވެރިން ގުރުބާންވެގެން ގެނައި މިސަރުކާރުން މަސްވެރިކަމުގެ ސިނާއަތް އިނދަޖައްސައިލަން އުޅޭނެކަމަށް ހިތައްވެސް ނާރައިކަމަށެވެ. “އަމިއްލަ މަސައްކަތުން އާއްމުދަނީ ހޯދައި ބޭފުޅުންނަށް ސިޔާސީ ނުފޫޒު ފޯރުވަން އުނދަގޫވާނެތީ ވަޒީފާދީގެން މަޝްރަހު ކޮންޓްރޯލް ނެގުމުގެ ނިޔަތުގައި އަމިއްލަ މަސައްކަތްތެރިން މި ފުނޑާލަނީ” ނަންނުޖެހުމަށް ޝަރުތުކޮށް އެބޭފުޅާ ބުންޏެވެ.
މަސްދޯނިތަކަށް މަހައްފުރޭނެ ގޮތެއްނެތި މަސްވެރިކަން ނާޒުކު ފައްތަރަކަށް ވެއްޓިފައިވުމުންކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ރަނގަޅު ގޮތެއް ނިންމަން މަސްވެެރިން ތިބީ ތައްޔާރަށެވެ.