ރައީސް ޑރ މުއިއްޒު ގއ ވިލިނގިއްޔަށް ވަޑައިގަންނަވައި ވަގުތާ ދިމާކޮށް ކޫއްޑޫ މުޒާހަރާގެ ބައިވެރިން އެރަށަށް މިސްރާބު ޖަހަނީ

މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުދޭތާ 3 މަހެއްހާ ދުވަސް ވުމުގެ ސަބަބުން މިދިޔަ އާދިއްތަ ދުވަހު މަސްވެރިން ފެށި މުޒާހަރާ އަދިވެސް ކޫއްޑޫގައި ކުރިއަށް އެބަދެއެވެ. ގާތްގަނޑަކަށް 30 ދޯނިން ދަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ. މަސްވެރިން ޑިމާންޑް ކުރަމުންގެންދަނީ 25 ރުފިޔާގެ ރޭޓުން ގަނެފައިވާ މަހަށް އެއްކޮށް ފައިސާ ދިނުމަށެވެ. ނަމަވެސް މިފްކޯއާއި ސަރުކާރުން ބުނަމުންގެންދަނީ އެފައިސާ އެއްކޮށް ދޭނެ މާލީ ގާބިލްކަން މިވަގުތު ސަރުކާރުގައި ނެތްކަމަށެވެ.

މުޒާހަރާގައި ބައިވެރިވަމުންދާ ގއ ވިލިގިނލީގެ ޒުވާން މަސްވެރިން

މަސްވެރި ރާއްޖެއަށް މައުލޫމާތު ދެއްވަމުން ގއ ވިލިގިނލީ ފަހިމަގު 303 ދޯނީގެ މަސްވެރިއެއް ކަމަށްވާ އަލީ ސާޖިދު ބުނީ ފައިސާޖަމާނުކުރަނީސް މުޒާހަރާ ކުރުން ނުހުއްޓާނެކަމަށް މަސްވެރިން މިފްކޯގެ މެނޭޖްމެންޓަށް ދަންނަވައިފައިވާކަމަށެވެ. އެހެންކަމުން މިވަގުތު މިފްކޯއިން މަސައްކަތް ކުރަމުން ގެންދަނީ އެފައިސާ ހޯދުމުގެ މަސައްކަތްކަމަށް މިފްކޯއިން ބުނެފައިވާކަމަށެވެ.

މިވަގުތު ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް ކެންޕެއިނަށް ހުވަދުއަތޮޅަށް ދަތުރުފުޅު ކުރައްވަމުންނެވެ. މިއަދު ގއ ވިލިނގިއްޔަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެރަށަކީ ގއ ކޫއްޑޫއާއި ވަރަށް ކައިރީ އޮންނަ ރަށެއްކަމުން މިވަގުތު މަސްވެރިންގެ އިހްސާސްތައް ހުރިގޮތުން ފައިސާކަންތައް ހަމަނުޖެހިއްޖެނަމަ، ރައީސް ވަޑައިގަންނަވާ ވަގުތަށް ވިލިގިނލީގައި މުޒާހަރާކުރުމަށް ނިންމައިފައިވާކަށް މަސްވެރިން މަސްވެރިރާއްޖެއަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

މިގޮތަށް މިކަން ހިނގިޔަ ނުދިނުމަށް މިފްކޯއިން ދަނީ ފައިސާ ޖަމާކުރުމުގެ ކަންކަން ވަރަށް ބާރަށް ކުރަމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިވަގުތު މުޒާހަރާގައި ތިބި ދޯނިތަކުގެ ކުރެޑިޓް ފައިސާ އެއްކޮށް ހަލާސް ކުރުމަށް ނިންމައިފައިވާކަމަށްވެސް ވަނީ މައުލޫމަތު ލިބިފައެވެ

Leave a Reply

Your email address will not be published. Required fields are marked *