އިހަވަންދޫ އައިސްޕްލާންޓަށް މައްސަލަޖެހި މަހަކަށްވުރެއް ގިނަދުވަސްވެއްޖެ
އުތުރުގެ މަސްވެރި ރަށެއް ކަމަށްވާ ހއ އިހަވަންދޫ އައިސް ޕްލާންޓައް މައްސަލަޖެހި އައިސް ނުލިބޭތީ އެސަރަހައްދުގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ބޮޑު ތަކުލީފަކަށް ވެއްޖެއެވެ.
އިރުވައި މޫސުމުގެ މިދުވަސްވަރަކީ ގިނަ މަސްވެރިން އުތުރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެކެވެ. އެހެންކަމުން އައިހަށް އޮންނަ ޑިމާންޑް އާދަޔާ ޙިލާފަށް މިދުވަސްކޮޅު އެސަރަހައްދުގައި ގިނަވެއެވެ. ކަނޑުގައި މަސްވެރިކަމުގައި އުޅުމަށްފަހު އައިސް ހޯދުމަށް ގިނަ މަސްވެރިން އިހަވަންދޫ އައިސްޕްލާންޓް އިހްތިޔާރުކުރެއެވެ. އެހެންނޫންނަމަ ދާންޖެހޭނީ ބޮޑު ދަތުރެއްކޮށް މާދުރުގައި އޮންނަ ށ އަތޮޅު ކީކިމިންޏަށެވެ.
މަސްވެރިރާއްޖެއަށް މަޢުލޫމާތު ދެއްވަމުން އިހަވަންދޫ މަސްދޯންޏެއްގެ ކެޔޮޅަކު ބުނީ އައިސްޕްލާންޓް ނުހެދި ގިނަދުވަސްވާ ސަބަބެއް ނޭނގޭ ކަމަށާއި ފެނަކަޔާއި ފިޝަރީޒް މިނިސްޓްރީން މިކަމުގައި އިހްމާލުވެފައިވާކަމަށެވެ.
އެސަރަހައްދުގައި ހަރަކާތްތެރިވާ ދޯންޏެއްގެ މަސްވެރިޔަކު ފާހަގަ ކުރެއްވިގޮތުގައި އިހަވަންދޫ އައިސްޕްލާންޓް ހަލާކުވެފައި ހުރުމުގެ ސަބަބުން އައިސް ހޯދަން އެތައް ބޭކާރު ތެލަކާއި ދުވަސްތަކެއް ހޭދަކުރަން މަޖުބޫރުވެފައިވާކަމަށެވެ. އަދި މިފްކޯއަށް ކިރުވާ މަހަށް ފައިސާ ނުލިބި، ނުހަނު ދަތިކަމެއްގައި މަސްވެރިކަން ކުރަން ޖެހިފައިވާ މިހާލަތުގައި ބޭކާރުއިތުރު ހަރަދުތަށް ކުރަން ޖެހުމަކީ ވަރަށްވެސް ބޮޑު ތަކުލީފެއްކަމަށެވެ.
މަސްވެރިން މިހައިދަތިހާލުގައި އުޅެމުންދާދުވަސް ވަރެއްގައި މިކަހަލަ ކަންކަމަށް އަވަސް ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ މަސްވެރިންނަށް އަޅައިލުން ވަރަށް ކުޑަކަން އިހްސާކުރެވޭ ކަމެއް ކަމަށް މަސްވެރިން ފާހަގަ ކުރައްވައެވެ.
މަސްވެރި ރާއްޖެއަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ އައިސްޕްލާންޓް ގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ބުނުއްވީ ޕްލާންޓްގެ ކޮންޕްރެޝަރަށް ދިމާވެފައިވާ މައްސަލަހައްލުކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް ޕްލާންޓް ރަންނުކުރެވިގެން އުޅެނީ މާލެއިން ފޮނުވަންޖެހޭ ސްޕެއާއެއް ނުލިބި ލަސްވެގެންނެވެ.