އިންތިހާބީ ވަޒީފާގެ ބާޒާރު, މަސްވެރި ސިނާއަތަށް އޮތް ބޮޑު ބިރުވެރިކަމެއް

 މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަސްވެރިންނާއި އޮޑިވެރިން ކުރި ބުރަ މަސައްކަތަކީ ޒަމާނީ އެޑްވާންސް ޓެކްނޮލޮޖީ މަސްވެރިކަމަށް ތަޢާރަފްވެ މަސްވެރިކަން ކުރުމަށް ނުހަނު ގިނަގުނަ ފަސޭހަތާއް ލިބުމެވެ. އެހެންނަމަވެސް މިއަދު މި ސިނާއަތަށް ބޮޑެތި އަދަދުތަކުން އިންވެސްޓް ކޮށްފައިވާ ފަރުދީ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިކަން ކުރާނެ ދިވެހިން ނުލިބުމުގެ ދަތިތަކެވެ. އެކަމުގެ ސަބަބުން އެތަށް މަސްދޮނިތަކެއް މަހަށް ނުފުރިފައިވާ ކޮންމެ ދުވަހަކީ އެތަށް އާއިލާތަކެއްގެ އާމްދަނީ ހުއްޓިފައިވާ ދުވަހެކެވެ.

މިނިވަންކަމާއެކު ކުރަމުންއައި މި މަސައްކަތަށް ޒުވާނުން ޝައުގުވެރި ކޮށް ތަމްރީނުދީ ދާއިރާ ހަރުދަނާ ކުރުމުގެ ބަދަލުގައި ދާއިރާގައި މަސައްކަތްކުރާ ޒުވާނުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކަށް ޝައުގުވެރި ކޮށް ސިޔާސީ ވަކި މަންފާއެއް ހާސިލް ކުރުމުގެ ބޭނުމުގައި ޒުވާނުންނަށް ވަޒީފާތައް ހަމަޖައްސައިޖެއްސުމަކީ އިސްމަސްވެރިން ދެކޭގޮތުގައި ސިޔާސީ ފަރާތްތަކުން އެކުދިންގެ މުސްތަގުބަލަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމުގައި ދެކެއެވެ. ސަބަބަކީ މަސްވެރިކަމަކީ ހިތްވަރާއެކު ކެރިގެން މަސްވެރިކަން ކޮށްފިނަމަ އެކަމުގެ މަންފާ ނުހަނު ރަނގަލަށް ލިއްބައިދޭ މަސައްކަތަކަށްވުމެވެ.

މި ސިނާއަތަށް ލިބިފައިވާ މި ހީނަރުކަމަކީ ސަރުކާރުތަކުން މަސްވެރިކަން ކުރިއަރުވަން އެދެވޭގޮތުގައި މަސައްކަތް ނުކުރެވޭހާލު އަދި އިތުރަށް މި ސިނާއަތުގައި ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އާމްދަނީ ހުއްޓޭނެ މަގަށް ސަރުކާރުގެ ރޭވުންތެރިކަމާއި ހިންގުންތެރިކަން ބައްޓަން ކުރުންކަމުގައި ގިނަ އޮޑިވެރިންނާއި މަސްވެރިން ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *