އަގު ދަށްކުރިޔަސް އޯކޭ! ބޭނުމީ 48 ގަޑިއިރުތެރޭ ފައިސާ!

ސަރުކާރުން މަސްގަންނަ ކުންފުނި މިފްކޯއިން ކަނޑުމަހުގެ އަގު ކިލޯ އަކުން 5 ރުފިޔާ ކުޑަކުރުމުން މަސްވެރިންގެ ކަންބޮޑުވުމެއް ނެތްކަމަށް ގިނަ މަސްވެރިން ބުނެފިއެވެ. މީގެކުރިން 25 ރުފިޔާއަން ކިލޯއެއް ގަންނަމުން ދިޔަނަމަވެސް މި ހަފްތާތެރޭގައި ސަރުކާރުން ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ތިރިކޮށްފައެވެ. 

ރައިސް ސޯލިހް ސަރުކާރުގައި މަސްގަންނަ އަގު ބޮޑުކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވެ އޮޑިދަށުން ޖެހިފައި އޮތްހާލަތެއްގައެވެ. ދެވަނަ ބުރު ކާމިޔާބު ކުރުމުގެ ނިޔަތުގައި މަހުގެ އަގު 25 ރުފިޔާއަށް ބަދަލުކުރީއެވެ. މަހުގެ އަގު ބޮޑުކުރި ކަމުގައިވިޔަސް މަސްވެރިންނަށް އެކަމުން ހާސިލްވާ އެއްވެސް އުފަލެއް ނެތްކަމަށް މަސްވެރިން ބުނެއެވެ. ސަބަބަކީ މަސް ކިރުމަށްފަހު ފައިސާ ނުލިބި އެތައް މަސްދުވަހެއް ވާތީއެވެ. 

މަސްވެރިން މިވަގުތު ދިރިއުޅެމުން އަންނަނީ ކަންމަތީ ފިހާރަތަކާއި ސައިހޮޓާތަކާއި ވިޔަފާރިތަކުގެ ވިކުރާ ފޮތުގައި  ލޭންދޭނަން ޖައްސައިގެންކަމަށް ގދ ފަރެސްމާތޮޑާގައި މަސްވެރިން މިދިޔަ ޖެނުއަރީމަހު ބޭއްވި އެއްވުމެއްގައި ބުނެފައިވެއެވެ. މަސްވެރިން ކުރާ މިންނެތް ބުރަ މަސައްކަތުން ހޯދައި ފައިސާ ނުލިބި ގިނަދުވަސް ވުމުން އެކަމުގެ އުފާވެރިކަން ގެއްލި މަސްވެރިކަމުގެ ދާއިރާ މަތިން މަސްވެރިން ފޫހިވާކަމަށް ދޯނިފަހަރުގެ ވެރިން ފާހަގަކޮށްފައިވެއެވެ. 

މިހަފުތާ ފެށުނުއިރު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 270 މިލިޔަން ރުފިޔާ ހުރިކަމަށް ފިޝަރީޒް މިނިސްޓަރ ޝިޔާމު ރައްޔިތުންގެ މަޖިލީހަށް ސުވާލުކުރުމަށް ހާޒިރުކުރުމުން ފާހަގަކުރެއްވެވިއެވެ. މިގޮތައް ފައިސާ ނުދެވި ގިނަދުވަސްވާތީ މިފްކޯއާއި މަސްވެރިންތައް ބަނގުރޫޓު ވުމަކީ ގާތްކަމެއްކަން ކަމުގެ މާހިރުން ފާހަގަ ކުރައްވައެވެ.

މިއަދު އެ ފައިސާ ނުދީ ހުރުމުން އެތައް މަސްވެރި އާއިލާއެއް ކަޑައްތު ކުރަމުން ދަނީ ހިތްދަތި ދުވަސްތަކެކެވެ. ދިރިއުޅުމާއި ދަރިންގެ ތަޢުލީމީ ކަންކަމަށް ބޭނުންވާ ތަކެތި ނުގަނެދެވި އެހިތާމަވެރިކަމުގައި ދުވަސްތައް ގުނަންޖެހުމުން ހިތުގައި އަޅައިނެވޭން ތަހައްމަލް ކޮށްލަން މަސްވެރިން އެދެމުންދެއެވެ. ބުރަމަސައްކަތް ކޮށް އާންމުދަނީ ހޯދަނީ އަނބި ދަރިންގެ ހަރަދުތައް ބަލަހައްޓައި އުފާވެރި ދިރިއުޅުމެއް އުޅުމުގެ ބޭނުމުގައެވެ. އެތައްމަހެއް ވަންދެއް ފައިސާ ހިފެހެއްޓުމުން ލިބޭ އަނިޔާ މާބޮޑެވެ. ބޭނުމީ ދެކޮޅުނުޖެހޭ އަގެއްގައި މަސްގަނެ، ހިސާބުއަކުރު ބޮޑުކުރުމެއް ނޫނެވެ. ކިރާ މަހަށް ވަގުތުން ފައިސާއެވެ.

Leave a Reply

Your email address will not be published. Required fields are marked *