އިހަވަންދޫ އައިސްޕްލާންޓް އަލުން އޮޕަރޭޝަނަށް

ރާއްޖޭގެ އުތުރުން އެންމެ މަސްވެރި ރަށް ކަމަށްވާ އިހަވަންދޫގެ އައިސްޕްލާންޓައް ދިވާވެފައިވާ މައްސަލަ ހައްލުކޮށް ހިދުމަތްދޭންފަށައިފިއެވެ. ގާތް ގަނޑަކަށް ވޭތުވެދިޔަ ދެމަސްދުވަހަށް އައިސްޕްލާންޓުގެ ހިދުމަތް ހުރީ މެދުކެނޑިފައެވެ.

އިހަވަންދޫއިން އައިސް ނުލިބުމުގެ ސަބަބުން އެސަރަށްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯނިފަހަރަށް ވަރަށްބޮޑު ތަކުލީފެއް ޖެހި، ޝަކުވާ އިންތިހާއަަށް ބޮޑުވެގެން ދިޔައެވެ. އެގޮތުން އިރުވައިމޫސުމުގެ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރާ ދިމާކޮށް އަބަދުވެސް އައިސްޕްލާންޓް ގްރައުންޑް ވާކަމަށް އިހަވަންދޫގެ މަސްވެރިން ފާހަގަކޮށްފައިވެއެވެ.

އައިސްޕްލާންޓައް ދިމާވި މައްސަލަ ހައްލުކޮށް އައިސް ދޫކުރަން ފެށުމުން މަސްވެރިންނަށް ހިތްހަމަޖެހުން ލިބިފައިކަމަށް މަސްވެރިން ބުންޏެވެ. ސަބަބަކީ ހއ ތުރާކުނާ ދިމާލުންނާއި ކެލާ އަދި ހުވަހަންދޫ އާއި ދިމާލު ކަނޑުން މަސްވެރިކަންކޮށްގެން އައިސް ހޯދަން ދާންޖެހެނީ ބޮޑު ހަރަދު ކުރުމަށްފަހު ށ ކީކިމިންޏަށެވެ. މީގެ އިތުރުން އިހަވަންދޫ އައިސްޕްލާންޓުން އައިސް ގާޑިޔާތަކުގައި އުފުލުމަށް ނިމުމެއް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންދާކަމަށްވެސް މަސްވެރިން ފާހަގަ ކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓްރީން ގެންދަވަނީ މައްސަލަޖެހިފައި ހުރި އައިސްޕްލާންޓްތައް ހައްލުކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ނުވަ ރަށެއްގައި ޒަމާނީ އައިސްޕްލާންޓް އެޅުމަށް ނިންމައި އިއުލާންކޮށްފައިވެ. މިވަގުތު ގިނަ އައިސްޕްލާންޓްތަށް ހިންގަމުން އަންނަނީ ފެނަކަ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *