މަސްވެރިން ބަނޑަށް ޖެއްސުމަށްފަހު މިނިސްޓަރ ޝިޔާމް ފިއްލަވައިފި

މިފްކޯއަށް ކިރުވި މަހަށް ފައިސާނުލިބި 2 މަސްދުވަހަށްވުރެއް ގިނަދުވަސްވެ މަސްދޯނިތަށް ހިންގުމަށް ބުރޫއަރައި ފަޅުވެރިންނާއި އޮޑިވެރިންނަށް މާލީ ދަތިކަމާއި ވަރަށް ބޮޑަށް ކުރިމަތިވެއްޖެއެވެ. 

މަސްވެރިރާއްޖެއަށް މައުލޫމާތު ދެއްވަމުން ގއ ވިލިގިނލީގެ ކެޔޮޅަކު ބުނީ ފަޅުވެރިންތައް މާޔޫސްވެ މަހައް ނިކުތުމުގެ ރޫހު ކުޑަވެފައިވާކަމަށެވެ. މަޖިލިސް އިންތިހާބަށްފަހު ކިރުވި މަހަށް ފައިސާ ނުލިބޭކަމަށެވެ. އެހެންކަމުން އަނބިދަރިންގެ ހަރަދުބަރަދު މެނޭޖުކުރަން ވަރަށްބޮޑަށް ދަތިވެ ދިރިއުޅުމަށްވެސް ބުރޫއަރައިފައިވާކަމަށެވެ. “އެހެންނޫންތޯ ވަނީ ކޮންމެބޭފުޅެއްގެވެސް އާއްމުދަނީއަށް ހުރަސްއެޅިއްޖެނަމަ ކިހިނެއްތޯ ކަންކަން ކުރާނީ ކިހިނެއްތޯ ހަރަދު ކުރާނީ ދެން ވަރަށް ދެރަ” ވަރަށް ނުތަނަސްވަސްކަމާއި އެކު ބުންޏެވެ.

މިސަރުކާރާއެކު މިހައިބޮޑަށް މިފްކޯއިން ފައިސާލިބުން ލަސްވެ، މިކަން އާންމު ކަމަކަށް ވެފައިވާކަމަށް މަސްވެރިންފާހަގަ ކުރައްވައެވެ. މިނިސްޓަރ ޝިޔާމުގެ އަމިއްލަފުޅު ރަށް ޅ ނައިފަރުން ކަންބޮޑުވުން ފާޅުކުރެއްވެވި މަސްވެރިޔަކު މަސްވެރިރާއްޖެއަށް ފާހަގަކުރެއްވީ ކުރެޑިޓަށް މަސްކިރުވުން މައްސަލައެއް ނެތްކަމަށާއި, ނަމަވެސް ވަކި ޕީރިއެޑެއްގައި ފައިސާ ޖަމާނުކުރާނަމަ ދިރިއުޅުމާއި ދޯނި މަސްވެރިކަމުގައި ހަރަކާތްތެރިވަން ދަތިވެފައިވާކަމަށެވެ. މިކަމަކީ ދެކޮޅުޖެހޭ ކަމަކަށް ހަދަންޖެހޭކަމަށް އެބޭފުޅާ ފާހަގަކުރެއްވެވިއެވެ. 

މީގެ އިތުރުން ދ އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުންއަންނަ މީދޫ މަސްވެރި އާއިލާއަކަށް ނިސްބަތްވާ ކެޔޮޅެއްގެ އަތްބަނކު ފާހަގަކުރެއްވީ ގޭތެރޭގެ ހަރަދުތަށް މެނޭޖްކުރަން ވަރަށް ދަތިވެއްޖެކަމަށެވެ. ދަރިންގެ ކިޔެވުމަށް ބޭނުންވާ ބައެއްތަކެތި ހަމަޖެއްސޭގޮތް ވެފައިނުވާކަމަށެވެ. “ފޮތުގައި ޖައްސައިގެން މިހާރު މިހަމަޖައްސަން ޖެހެނީ, މީ އަޅުގަނޑު ވަރަށް ނުރުހޭކަމެއް އެކަމަކު މިކަން ނުކޮށްވެސްނުވެ، ގަރުބަގަތީންސުރެއް ހަރަދު ހިނގާނެންނު ދެއްތޮ’ މަޑުމޮޅި ރާގެއްގައި ފާހަގަކުރެއްވެވިއެވެ. 

މީގެ އިތުރުން ގދ ފަރެސްމާތޮޑާ އޮޑިވެރިއެއް ފާހަގަކުރެއްވީ މިހައި ބޮޑު އިންވެސްޓްތަށް ކޮށްގެންމިތިބީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް މަސައްކަތްކުރަން ތިބޭ ފަޅުވެރިންނަށް އާންމުދަނީ ނުލިބި ބޮޑުތަނުން ލަސްވަންޏާމު މިކަންކުރަން ވަރަށް އުނދަގޫތަށް ކުރިމަތިވާ ކަމަށާއި, މިހާރުވެސް ބައެއް ފަޅުވެރިން މަސްވެރިކަމުގެ ސިނާއަތް ދޫކޮށްލާނެވާހަކަ ބުނެފައިވާ ކަމަށެވެ.

މިހުރިހައި ކަމެއްގެތެރޭގައި މަސްވެރިން ގަނަތެޅެމުންދާއިރުވެސް ސަރުކާރުން މިކަމަށް ރިއެކްޓް ނުކޮށް ބަހެއް ނުލިބިދިގުލައިގެން ދިއުން އެއީ މަސްވެރިންނާއި އާއިލާތަކަށް ލިބޭނެ އިތުރުހިތާމައެއް ގޮތުގައި މަސްވެރިން ފާހަގަ ކުރައްވައެވެ. މަސްވެރި ފާހަގަކުރައްވާ ގޮތުގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް އަކީ މިކަމުގެ ހާޖުފާޖު ދަންނަ ބޭފުޅެއް ނޫންކަމުގައެވެ.

މަސްވެރި ރާއްޖެއަށް މައުލޫމާތު ލިބުނު ގޮތުގައި މިނިސްޓަރ އުޅުއްވަނީ ވޯލްޑް ބޭންކުން ރާއްޖޭގެ ފިޝަރީޒް ސެކްޓަރ ޓްރާންސްފޯމަށް ދިން 814 މިލިއަން ރުފިޔާއަށް ހަދާނެ ގޮތެއް ނޭނގިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *