ދޯނި ކިތަންމެ ފަރިވެފަ ނަލަވިޔަސް، އިންސާނާ ތަރައްގީ ނުވާނަމަ ކުރިއަކަށް ނުދެވޭނެ
މަސްވެރިކަމުގެ ސިނާއަތުގެ ތަޖުރިބާ މަސްދޯނިފަހަރު އުފެއްދުމުން ފެށިގެން މަސް ޕްރޮސެސްކޮށް މާކެޓްކޮށް ބޭރުކުރުމާއި ހަމައަށް ހޯއްދަވައިފައިވާ މަސްވެރި އާއިލާއަކަށް އުފަން މުހައްމަދު މަތީން ވިދާޅުވީ ދޯނި ކިތަންމެ ފަރިވެފަ ނަލަވިޔަސް، އިންސާނާ ތަރައްގީ ނުވާނަމަ ކުރިއަކަށް ނުދެވޭނެ ކަމަށެވެ.
ފަޅުވެރިން ލިބުންދަތިވެ މަސްވެރިކަން ކުރެވޭނެ ގޮތެއް ނެތުމުން މޫދައް ބޭލިފަހުން 2 އަހަރުވީ, ހއ އިހަވަންދޫ “ފަރިމާ” ދޯނި ވިއްކާލިކަން މަސްވެރި އިހަވަންދޫ ޖަމިއްޔާއިން ފޭސްބްކްގައި ޕޯސްޓްކޮށްފައިވާ ޕޯސްޓަރ ޝެއަރ ކުރައްވާ ފަޅުވެރިން ލިބޭނެ ގޮތެއް މަތީން ހިއްސާކުރެއްވެވިއެވެ. އެގޮތުން މަސްވެރި ފަޅުވެރިންނާއި ކެޔޮޅުން މިނިވަން ކަމާއިއެކު ވަޒީފާ އަދާ ކުރެވޭނެ ތަނަކަށް (މަސްވެރި އިގްތިޞާދެއް އޮތް ރަށަކަށް) ހިޖުރަކުރެވި ބިންވެރިވެވޭނެ(ބޯހިޔާވަހިކަން) ގޮތްތަށް ހަމަ ޖެހިފަ އޮތުން މުހިންމު ކަމުގައި ފާހަގަކޮށްފައި ވެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ފާހަގަކުރައްވާފައިވަނީ ވަޒީފާއާއި ގޯތި (ސިނާއަތުގެ ފަރާތްތަކަށް) އެއްތަނަކުން ލިބުމުން ސިނާއީ ލެވެލްއަށް ރަށުގެ އިގްތިސާދު ކުރިއަރާނެކަމަށެވެ. އަދި އެކަމުގެ ޝައުގުވެރިކަން ހުންނަ އާއިލާތަކާއި ފަރާތްތަށް އެރަށަކަށް ވަޒަންވެރިވާނެކަމަށެވެ. މިކަމުގެ ސަބަބުން ސަޕޯޓު ސަރވިސް ތައުލީމާއި ސިއްހަތާ އަދި އެހެނިހެން ހިދުމަތްތައް ރަށައް އިތުރުވެގެންދާނެކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
މަސްވެރިކަމުގެ ސިނާއަތް މިހާރު އޮތް ނާޒުކު ހާލަތުން ސަލާމަތް ކުރެވޭނެ ތަފާތު ގޮތްތަކާއި ބެހޭގޮތުން މަތީން ދަނީ އެބޭފުޅާގެ ޢިލްމާއި ތަޖުރިބާގެ އަލީގައި ދިރާސާތައް ހައްދަވާ ހިއްސާ ކުރައްވަމުންނެވެ. މިގޮތުން ވަރަށްވެސް ޝައުގުވެރި ވާހަކަތަކެއްގެ އެކުލެވޭ އިންޓަވިއުއެއް މަސްވެރި ރާއްޖެއަށް މިދިޔަ މަހު ވަނީ ދެއްވާފައެވެ. މަތީނުފަދަ ގާބިލް ފަންނުވެރި ބޭފުޅުންގެ ޙިޔާލާއި ބައިވެރިވުން މިސިނާއަތް ނަގާކޮޅަށް ޖެހުމަށް ނުހަނު ބޭނުންތެރިއެވެ.