ސައުދީ ފަންޑުން މިނިސްޓަރަށް އެރުއްވި ގަހުވަ ތައްޓާއެކު މަހުޖަނު ގާސިމްގެ ލޯ މިނިސްޓަރ ޝިޔާމަށް

މަސްވެރިން މިފްކޯއަށް ކިރާ މަހަށް ފައިސާ ނުދެވި އެތައް މަހަކަށް މިފްކޯ މަސްވެރިންނަށް ދަރަނިވެރި ވެފައިވާތީ އެ ދަރަނިތަށް އަދާކުރުމަށް ލޯނެއް ލިބޭތޯ މިނިސްޓަރ ޝިޔާމް ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ. މިގޮތުން މިނިސްޓަރު ލޯނެއް ހޯއްދެވުމަށް ސައުދީއަށް ކުރަށްވަމުން ގެންދަވާ ދަތުރުގައި ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ އިސްވެރިންނާއި ބައްދަލު ކުރަށްވާފައި ވެއެވެ. ހަބަރުތަށް ލިބޭގޮތުގައި ސައުދީފަންޑުންވަނީ ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރެއްވުމަށް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހީ ތެރިކަން ފޯރުކޮށްދެނީ ކިހާ ޢަދަދެއްގެ ފައިސާއިން ކަމެއް އަދި އެގިފައެއް ނުވެއެވެ.

މިފްކޯ ވަރަށް ބޮޑަށް މަސްވެރިންނަށް ދަރަނިވެރިވެފައި މިވާ ދަނޑިވަޅުގައި މިފްކޯއިން އެއްވެސް މަޢުލޫމާތެއް ރައްޔިތުންނަށް ހާމަ ކޮށްފައެއް ނުވެއެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މިފްކޯއަށް ކިރުނީ ކިހާ މަހެއް ކަމެއްވެސް ނޯގެއެވެ. އަދި މިފްކޯއިން އެކްސްޕޯޓު ކުރީ ކިތައް މެޓްރިކް ޓަނުގެ މަސްކަމެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ. މިފްކޯއަކީ ރާއްޖެއިން މަސް އެކްސްޕޯޓު ކުރުމުގެ އިތުރުން ކަނޑު މަހުގެ ތަފާތު އުފެއްދުންތަށް އުފައްދާ ކާރުހާނާއެކެވެ. މި އުފެއްދުންތަކަށް މަސްވެރިން ކިރާފައިވާ މަހުން ބޭނުން ކުރެވުނީ ކިތައްޓަނުގެ މަސް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި މިފްކޯއިން އެންމެ ބޮޑު ފައިދާއެއް ހޯދާ މަސް ދަޅު އުފެއްދުމަށްވެސް ބޭނުންކޮށްފައި ވަނީ ކިތަށް ޓަނުގެ މަސްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިފްކޯއަކީ އެ ކުންފުންޏަށް ލިބޭ އާމްދަނީ ވަރަށް ސިއްރުކުރާ ކުންފުންޏެކެވެ. ވޭތުވެ ދިޔަ އަހަރު ތަކުގައި މިފްކޯއިން ތައިލެންޑަށް ބޭރުކުރި މަހުގެ އެއްވެސް ތަފްސީލީ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ރާންޖޭން ބޭރުކުރާ މަހުން ރިޖެކްޓްވަނީ ކިތައް ޓަނުގެ މަސްކަމެއްވެސް މިފްކޯއިން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. އެ ރިޖެކްޓްވާ މަހަށް ހަދަނީ ކިހިނެއް ކަމެއްވެސް ރައްޔިތުންނަށް އެއްވެސް ސަރުކާރަކުން ކިޔާދީފައެއް ނުވެއެވެ.

މި ނޫހަށް މަޢުލޫމާތު ދެއްވަމުން މިފްކޯގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ މިފްކޯއަށް ފައިދާ ނުވެގެން އުޅެނީ ކޮރަޕްޝަން އިންތިހާއަށް ހިންގާތީއެވެ. ރާއްޖެއިން ބޭރުކުރާ މަހުން ރިޖެކްޓްވާ ބައި އެޅެނީ ކޮންމެވެސް އަމިއްލަ ފަރުދަކަށެވެ. އަދި މަސްކިރުމުގައިވެސް އިންތިހާއަށް އަމިއްލަ ގޮތްތަށް ބޭނުން ކުރުމުގެ ސަބަބުން މިފްކޯއަށް ކިރާ މަހުގެ އަދަދާއި ގުދަން ކުރެވޭ މަހުގެ ބަރުދަން ދިމާ ނުވާނެ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. “ފަސް އިނގިލީގެ މާނައަކީ 500 ރުފިޔާއެވެ.” އަދި “10 އިނގިލި ދައްކާލައިފިނަމަ އެއީ 1000 ރުފިޔާއެވެ.” މިއީވެސް ހިގާ ކަންކަން އެބޭފުޅާ ވިދާޅުވިއެވެ.

މިފްކޯގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި މިނިސްޓަރު ދައްކަވައި ލައްވާނީ ކިތަށް އިނގިލި ކަމެއް އަދި އަންދާޒާ ކުރަން ދަތި ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. އޭގެ އިތުރަށް ބޭރުގެ އެކި ފަރާތްތަކުން މަސްވެރިކަން ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާއަށް ވާގޮތް ރައީސް ޑރ. މުއިއްޒު ހާމަ ކުރަށްވާނީ ކިހާވަރަކަށްކަމެއް ވަޒަން ކުރަން ވަރަށް ދަތި ކަމަށް މިދާއިރާ ދިރާސާކުރާ މާހިރުން ވިދާޅުވެއެވެ. އެބޭފުޅުންނަށް ވުރެއްވެސް ބޮޑަށް މި ސިނާޢަތަށް އެންމެ ލޯއަޅުއްވާ ބޭފުޅަކީ މަހުޖަނު ޤާސިމް ކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.

Leave a Reply

Your email address will not be published. Required fields are marked *