​ދިވެހި ޅެން ބޭނުންކޮށްގެން މަސްވެރިންގެ ކަންބޮޑުވުންތަކަށް ފަރުވާ ދެވިދާނެބާ؟

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ނުހަނު ބޮޑު މަންފާއެއް ހިއްސާކުރަމުންއަންނަ ސިނާއަތެކެވެ. ދިވެހި އެތައް އާއިލާއެއް ކާންބޯން ކުރަމުން އަންނަ މަސައްކަތަކީ މަސްވެރިކަމެވެ. އެހެންކަމުން މަސްވެރިކަމުން ލިބޭ އާންމުދަނީތައް ދައުރުވަމުންދަނީ ރަށްރަށުގެ އިގްތިސޯދު ތެރޭގައެވެ. 

އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގައި ހަމައެކަނި މަސްވެރިކަމުގެ އާންމުދަނީއަށް ބަރޯސާވެފައިވާ ގިނަ ރަށްތަކެއް އެބަހުއްޓެވެ. އެރަށްތަކުގެ މުޅި އިގްތިސޯދުގެ މައިބަދައަކީ މަސްވެރިކަމުން ލިބޭ އާންމުދަނީއެވެ. އެހެންކަމުން މަސްވެރިކަމުން ލިބޭ މަންފާއަށް ކުޑަވެސް ނުކިއްސަރު ހީނަރު ކަމެއް އައިސްފިނަމަ، މުޅި ރަށުގެ ރައްޔިތުން އެކަމުގެ ހިތްދަތި ހާލު ތަހައްމަލް ކުރަންޖެހެއެވެ. 

އެފަދަ ރަށްރަށުގެ ސައިހޮޓާތަކާއި ކަންމަތީ ފިހާރަ ތަކަށް ވިޔަފާރި ކުރަމުންދާ ގިނަ ކަސްޓަމަރުންނަކީ މަސްވެރިންނެވެ. އެވިޔަފާރިތައް ހިންގައިދޭން އެންމެބޮޑު ދައުރެއް އަދާކުރަނީ މަސްވެރިންނެވެ. ކަންމިހެން އޮތްނަމަވެސް މިއަދު އެހާލަތު އެފުއްމިފުށައް ޖެހިއްޖެއެވެ. މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބުން 2 މަސްދުވަހަށް ދިގުދެމިގެން ދިއުމުން ފިހާރަތަކުންނާއި ސައި ހޮޓާ ތަކުން ލޭންދޭނަށް ތަކެތި ގަންނަން ޖެހިއްޖެއެވެ. ފިހާރަތަކުން މުދާއައުކުރަން ނުވަތަ ހުސްވާ މުދާ އައުކުރަން ބޭނުންވާ ފައިސާއެއް ނުލިބެއެވެ. ދަރަނި ބޮޑުވެ ވިޔަފާރިތައް ހީނަރު ވެއްޖެއެވެ. އެތަންތަނުގައި މަސައްކަތްކުރާ ދިވެހި ކަނބަލުންގެ އާންމުދަނީ ހުއްޓިއްޖެއެވެ. ގޯތި ބަދިގެ ތަކުގެ ވިޔާފާރިތައް ނުހިންގެއެވެ. ސައިހޮޓާތަށް ބަންދުކުރަން ޖެހިއްޖެއެވެ. 

މަސްވެރި ރަށްރަށުގެ ​އިޤްތިސޯދުތައް އެކީ އެކަށް ހީނަރުވެ ފުނޑެނީއެވެ. އެތައްބައެއްގެ އާންމުދަނީ ހުއްޓިއްޖެއެވެ. މަސްދޯނިފަހަރަށް ކުރި އިންވެސްޓްމަންޓް ޗޮކުންދަނީއެވެ. މަސްވެރި އާއިލާތަކުގެ އަނބި ދަރިންނަށް ބޭނުންވާ ތަކެތި ނުގަނެވި ހިތްދަތިކަމުގައި ދުވަސްތައް ގުނަމުންދަނީއެވެ. ޒިންމާވާނީ ކާކުބާވައެވެ. ދިވެހި ޅެންވެރިޔަކު ނިކަން މޮޅިއްޔާމު މިހިރަ މިހިރަ ކަންކަމަށް ތަސައްލީއެއް ލިބޭނެ ޅެމެއް ތައްޔާރުކޮށްދެއްވަބަލާށެވެ.

Leave a Reply

Your email address will not be published. Required fields are marked *