ސިއްސައިގެންދާވަރުވޭ! މިފްކޯއިން މަސްވެރިން ބަނގުރޫޓުކޮށްލި ތިން ސިޓީއުރަ

މުޅި މިފްކޯގެ ހަޔާތުގަވެސް މިފްކޯއަކީ ފައިދާވީ ކުންފުންޏެއް ނޫނެވެ. މުޅިން ހިންގަމުން އަންނަނީ ސަރުކާރުން ސަބްސިޑީ ދީގެންނެވެ. މިހެން މިވަނީ ގޮތް ނޭނގޭ އެތައް މަކަރާއި ހީލަތެއް ހަދަމުންދާތީއެވެ. އެގޮތުން މިފްކޯއިން ރާއްޖެއިން ބޭރަށް މަސްބޭރުކުރާއިރު މަސް ޝިޕްމެންޓް ތަކުން ގިނައަދަދަކަށް ޑެމަރޭޖް ކޮށް ހިޔާނާތް ހިންގަނީ ވަރަށް ބޮޑަށް ރޭވިގެންކަން މަސްވެރިރާއްޖެއަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެމުޢާމަލާތް ހިނގާގޮތް އިނގޭ ފަރާތަކުން މައުލޫމާތު ދިންގޮތުގައި މަސްބޯއްޓު ތައިލޭންޑަށް ބަނދަރުކޮށް ބޯޓުގެ ސީނިޔާ ކުރޫއިން ނުވަތަ މަހާ ހަވާލުވެގެންދާ ފަރާތްތަކުން ހޮޓަލަށް ނިދަންދާއިރު ރިސެޕްޝަނުން 3 ސިޓީއުރައެއް ހަވާލުކުރާކަމަށް ވެއެވެ. އެއީ ތިންކުލައިގެ ސިޓީއުރަތަކެއް ކަމަށާއި ހުދުކުލައިގެ ސިޓީއުރަ ހަވާލުކުރަނީ ކުރޫއިންނަށް ކަމަށެވެ. އަދި ދެން އޮންނަ 2 ސިޓީއުރަތެރެއިން އެއްސިޓީއުރަ ދަނީ މިފްކޯގެ ވެރިންނަށް ކަމަށާއި އަނެއް ސިޓީއުރަ ދާތަނެއް ނޭނގޭކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ. އަދި އޭގެފަހުން ޑެމަރޭޖުކުރުމުގެ ކަންކަން ހިނގަމުންދާކަމަށް އެބޭފުޅާ ކިޔާދެއްވިއެވެ.

ރާއްޖެ އިން ތައިލޭންޑަށް އެކްސްޕޯޓުކުރާ މަހުގެ ޝިޕްމެންޓުތަކުގެ ބަރުދަނުގައި ހުރި ތަފާތުތަކުގެ ސަބަބުން 1،100 އަށްވުރެ ގިނަ ޓަނުގެ މަސް މަދުވެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ) އަށް 67 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން އޮޑިޓް ރިޕޯޓުންވެސް ހާމަވެފައިވެއެވެ.

މިފްކޯގެ އިންވޮއިސްތަކުގައި ބަޔާންކޮށްފައި ހުންނަ ގޮތާއި، މަހުގެ ޝިޕްމެންޓު މަސް ގަންނަ ފަރާތަށް ލިބުމުން، އެ ފަރާތުން ޝިޕްމެންޓުގައި ހުރި މަހުގެ ބާވަތާއި ތަފްސީލު ފޮނުވާއިރު ބޮޑެތި ތަފާތުތަކެއް ހުންނަ ކަމަށް އޮޑިޓު ރިޕޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ. ތައިލޭންޑަށް 3 ލައްކަޓަނެއްހާ މަސް މިދިޔަ ފަސް އަހަރު އެކްސްޕޯޓް ކުރުމަށް ލޯޑުކުރި ކަމަށް މިފްކޯގެ ހިސާބުތަކުން ދެއްކި ނަމަވެސް އެ ގައުމަށް ބޭލިއިރު 1200 ވަރަކަށް ޓަނުގެ މަސް މަދުވެފައިވާކަން އެނގެންއެބައޮތެވެ. އެއީ ގާތްގަނޑަކަށް 80 ވަރަކަށް މިލިޔަން ރުފިޔާގެ ގެއްލުމެކެވެ.

ހަމައެހެންމެ، މަސް ގަންނަ ފަރާތުން މަހުގެ ޝިޕްމެންޓުތަކާ ހަވާލުވާއިރު އޭގެ ހާލަތު ރަނގަޅަށް ކަށަވަރުކޮށްފައި ނުވާކަން މިފްކޯގެ އޮޑިޓް ރިޕޯޓުތަކުންވެސް އެނގެންއެބައޮތެވެ. އެހަމައެހެންމެ އެއްބަސްވުން ނަހަދާ 144 މިލިއަން ރުފިޔާގެ މަސް ވިއްކި ކަމަށް އޮޑިޓް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

މިހިރަ މިހިރަ ކަންކަމަށް ބަލައިލުމުން އެނގި ހާމަވަނީ ޒަމާނުންސުރެއް މުޅި މިފްކޯ ހިނގަމުންދަނީ ދައުލަތުގެ ވެރިންނަށް ކޮންމެވެސް މަންފާއެއް ހާސިލްވާގޮތައް މިފްކޯއާއި މަސްވެރި ސިނާއަތް ބަނގުރޫޓްވާގޮތައްކަމަކަމެވެ. މަސްވެރިންނާއި ދިވެހި ރައްޔިތުންނަށް މިކަންކަން ސާފުކޮށްދިނުމަކީ ފިޝަރީޒް މިނިސްޓަރ ޝިޔާމާއި މިފްކޯގެ ވެރިންނަށް ވާޖިބު ކަމެކެވެ. ނޫންނަމަ ތިޔަޖައްސަވަނީ އުނބަށެވެ. 

Leave a Reply

Your email address will not be published. Required fields are marked *