މަސްވެރިން ތަމްރީނު ކުރުމަށް އިންސްޓިޓިއުޓެއް ގާއިމް ކުރުން، ކޮންއިރަކުން؟

ބިންކޮޅުގެ ގޮތުން ކުޑަ، މީސްކޮޅުގެ ގޮތުން މަދު، އެހެންނަމަވެސް ނިސްބަތުން ކަނޑުގެ ބޮޑު ސަރަހައްދެއް ލިބިފައިވާ އަޅުގަނޑުމެން މި ދިވެހިރާއްޖޭއަކީ މަސްވެރިކަމުގެ ގޮތުން ފަހުރުވެރިވުން ހައްގު ތާރީހެއް ލިބިފައިވާ ބައެކެވެ. ދިވެހިރާއްޖެ މިއަދު މިދެކޭ ތަރައްގީ ފެށިގެން އައިސްފައިވަނީ މަސްވެރިންނާއި އޮޑިވެރިން ކުރި ބުރަ މަސައްކަތުން ރާއްޖޭގެ އިގްތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބުން މަންފާއިންނެވެ. މަސްވެރި އާއިލާތަކުން ވަނީ ތަފާތު އެކި ދާއިރާތަކަށް އެބޭފުޅުންގެ ދަރިން ނެރެދީފައެވެ. އާދެ ދުނިޔޭގެ އެކި ގައުމުތަކުން ކިޔަވައިދީ އެކި ދާއިރާތަކަށް އެކުދިން ނެރެދީފައިވަނީ ގިނަ މަސްވެރިން ރެއާދުވާލު ކުރި ބުރަ މަސައްކަތުންނެވެ. ނަމަވެސް ހިތާމައަކީ މަސްވެރިކަމުގެ ދިގު ތާރީޚެއް އޮވެ ސަރުކާރުތަކުން މަސްވެރިކަން ދިރުވަން މާބޮޑު މަސައްކަތެއް ކުރެވިފައި ނެތުމެވެ. މިއަދާހަމައަށް އާއިރު މަސްވެރިކަމުގެ ދިރާސާތައްކޮށް، މަސްވެރިކަން ދިރުވާ، އަދި މަސްވެރިކަމަށް މީހުން ތަމްރީނު ކޮށްދޭނެ އިންސްޓިޓިއުޓެއް ނުވަތަ ކޮލެޖެއް ގާއިމް ކޮށްފައި ނެތުމަކީ ސަރުކާރުތަކުން މަސްވެރިންނަށް އަޅައިނުލާކަމުގެ ރަމްޒެކެވެ.

އަޅުގަނޑުމެން ކުރި ދިރާސާއިން ފާހަގަވީ ގައުމީ ޔުނިވާސިޓީ, “އެމް.އެން.ޔޫ” ގައިވެސް މަސްވެރިންނަށް ހާއްސަ ފެކަލްޓީ އެއް ނެތެވެ. މަސްވެރިންނަށް ހާއްސަކޮށްގެން ކޯސްތަކެއް ފަރުމާކޮށް ހިންގާތަނެއް ނުފެނެއެވެ. ފަންނީ މީހުން ބިނާކުރުމަށް ސަރުކާރުން ހިންގާ ” ޕޮލިޓެކްނިކް” ކޮލެޖުގައިވެސް މަސްވެރިންނާ ގުޅުން ހުރި ޕޮރޮގްރާމް ތަކެއް ނުހިންގެއެވެ. ޒަމާނީ މަސްވެރިކަމަށް މަސްވެރިން ބަދަލުވެގެން އާއިރު މަސްވެރިކަމަށް އަލަށް ނުކުންނަ ޒުވާނުން ތަމްރީނު ވާނެ ފުރުސަތުތަށް ފަހިވެފައިނެތުމާއިއެކު މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކަން ކުޑަވެއެވެ. އެހެންނަމަވެސް 2023 ވަނަ އަހަހަރުގެ މަސްވެރިންގެ ދުވަސް، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީފިޝަރީޒް ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ޤާއިމުކުރެއްވުމަށް ނިންމާފައިވާކަން ހާމަ ކޮށްފައެވެ. މި ހަބަރާއެކު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދާއިރާ އިތުރަށް ކުރިއެރުމަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަށްބޮޑު އުންމީދެކެވެ. މަސްވެރިކަމުގައި ބޭނުންކުރަމުންއަންނަ ޓެކްނޮލޮޖީ ތަކަށްބަލާއިރު ރަނގަޅު ފެންވަރު ތަމްރީނު ލިބިގެންނޫނީ ހަގީގަތުގައި ޓްކޮނޮލޮޖިކަލް އިކްއިޕްމަންޓް ތަކުގެ ބޭނުން އެންމެ ރަނގަލު ފެންވަރެއެގައި ބޭނުން ނުހިފެއެވެ. މަސްވެރިކަމުގެ ދާއިރާ އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި މަސްވެރިން ތަމްރީނު ކުރުން މީ ދާއިރާ ދެން ކޮޅަށް ނެގުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ޔަގީނެވެ. އެހެންކަމުން މަސްވެރިން ތަމްރީނުކުރާނެ އިންސްޓިޓިއުޓްގެ ހަބަރާއެކު އެކަން ކުރާނެ ވަކި ތާރީހެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވުމަކީ މަސްވެރިންގެ ކަނބޮޑުވުމެކެވެ.

ސުކޫލް ތަކުގައި ކިޔަވައިދޭ ކަރިކިއުލަމް ތަކަށް ބަލާއިރުވެސް މަސްވެރިކަމަށް ހާއްސަ ކަރިކިއުލަމްއެއް ފަރުމާކޮށްފައިނެތުމަކީ މަސްވެރިކަން ކުރަން ޝައުގުވެރިވާ ކުދިންނަށް އެކަމުގެ މަގު އިތުރަށް ހަނިވާކަމެއްކަން ފާހަގަވެއެވެ. މިހާރުވެސް ބީޓެކް ކަރިކިއުލަމްއަށް ކިޔަވާދެ ކުދިންނަށް ޓުއަރިޒަމް މާއްދާތަށް ކިޔަވާދެއެވެ. މި ބީދައިން މަސަވެރިކަމަށް ހާއްސަ ޕްރޮގްރާމެއް ފަރުމާ ނުކުރެވެންވީ ސަބަބެއް ނެތެވެ. ޒަމާނުއްސުރެއް ކާބަފައިން ކުރަމުންއައި މަސައްކަތް ދިރުވަން ދަރިވަރުންނަށް މަސަވެރިކަމާ ގުޅުންހުރި ފުރިހަމަ މައުލޫމާތު ދިނުމަށް ވަށާޖެހޭ ތައުލީމްގެ ތެރެއިން އިތުރު ޕޮރޮގުރާމްތަށް ބައްޓަންކޮށް ހިންގުން މުހިންމެވެ. އަދި ހަމައެއާއެކު،މަސްވެރިކަމަށް ދަރިވަރުން ތަމްރީނުކުރުމަށްޓަކައި އެކަމުގެ މައުލޫމާތުތައް ސުކޫލްތާކުން ފޯރުކޮށްދީ ދަރިވަރުން މަސްވެރިކަމަށް ޝައުގުވެރި ކުރެވިގެން ނޫނީ ސުކޫލް ނިންމާ ދަރިވަރުން މަސައްކަތުގެ މާހައުލަށް ނިކުންނައިރު މި ދާއިރާ ހިޔާރުކުރާ ކުދިންގެ އަދަދު އިތުރު ނުކުރެވޭނެއެވެ. ދާއިރާއިން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިވަގުތަށް މަސްވެރިން ނޫނީ ދާއިރާގެ މަސައްކަތްތެރިން ތަމްރީނުކުރާނެ އިންސްޓިޓިއުޓެއް ގާއިމްކުރަން މާބޮޑަށް ލަސްވެއްޖެއެވެ.

Leave a Reply

Your email address will not be published. Required fields are marked *