އެންވެރިކަން ކުރާ ސަރަހައްދުތަކުން ބިން ހިއްކުމަށް ވެލިނެގުން، މަސްވެރިންނަށް ކިހާބޮޑު ގެއްލުމެއް؟

ޒަމާނަށްއައި ބޮޑު ބަދަލާއެކު ރާއްޖޭގެ މަސްވެރިކަމުގައި  އެންވެރިކަން ކުރުމަށް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވެ. މަސްވެރިކަމަށް ކުރާ މަސައްކަތުގެ 60 އީސައްތަ ހިއްސާ ވަނީ އެންހޯދުމަށް ކުރަންޖެހޭ މަސައްކަތަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެންހިފަމުންދާ ވަކި ސަރަހައްތުތަކެއް ހުރެއެވެ. ރާއްޖޭގެ ކަނޑުގެ އެތެރެވަރީގެ ތިލަ ތަންތަނާއި ހާހަލުންނާއި ގިރިގިރިންނާއި ރައްރަށުގެ ބޭރުން އެންވެރިކަން ކުރަމުން އަންނައިރު ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމާއެކު އެންވެރިކަން ކުރުމުގައި މަސްވެރިންނަށް މިވަނީ ވަރަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިފައެވެ. އެން ހޯދުމަށް ކުރަންޖެހޭ މަސައްކަތް އިންތިހާއަށް ބުރަވެފައެވެ. އާމުގޮތެއްގައި އެންވެރިކަން ކުރަމުންއައި ތަންތަނުން އެން ނުލިބުން ވަނީ މަސްވެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައެވެ.

 ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކަމުންދާ އިރު އެންވައިރަމަންޓް އިންޕެކްޓު އެނަލިސިސް (އީ.އައި.އޭ) ރިޕޯޓުގައި މިކަންކަމަށް އަލިއަޅުވާލާފައި ވީނަމަވެސް ކަމާބެހޭ އެއްވެސް ވުޒާރާއަކުން އެންވެރިކަމަށް މި އަންނަމުންދާ ނޭދެވޭ ބަދަލަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާ މަންޒަރު ފެނިގެން ނުދިއުމަކީ މަސްވެރިންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ވަނީ ޖައްރާފުތަކުން ބިންހިއްކުމަށް ވެލިނަގަމުންދާތީ އެންވެރިކަމަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޔޫނިއަނުން ފޭސްބުކްއާއި އެކްސްގައި ބިންހިއްކަން ވެލިނަގަމުންދާ ޖައްރާފެއްގެ ވީޑިއޯ އަކާއި އެކު ކުރި ޕޯސްޓުތަކެއްގައި ވަނީ، ކަންނެލި މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެދުވަހަކު މަހާޖައްރާފު ވެލިނަގަމުން  ދާތީ  އެ ސަރަހައްދުގެ އެންވެރިކަން ‘ހަލާކުވެފައިވާ’ ކަމަށް ބުނެފައިވެ. ވީޑިއޯއިން ފެންނަގޮތުގައި މުޅި ސަރަހައްދު ވަނީ ކިލަނބުވެފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދާއިރު ރައިސް މުއިއްޖު އެމަންޒަރު ބައްލަވާލައްވަނީ

މި ކަމާ ގުޅިގެން ބައެއް މަސްވެރިންނައި މަސްވެރި ރާއްޖެއިން ސުވާލު ކޮށްލުމުން ގިނަ މަސްވެރިން ފާހަގަ ކޮށްފައިވަނީ ތިމާވެއްޓަށް، މަސްވެރިން ކުރާ އެންވެރިކަމަށް، ކަނޑުގެ ދިރުންތަކަށް ލިބިދާނެ އެއްވެސް ގެއްލުމެއް ބަލާލުމަކާއި ނުލައި އެއިރެއްގެ އޮންނަ ސަރުކާރުގެ ވެރިން ބޭނުންވީމައި ހަމަ ކޮންމެ ކަމެއްވެސް ކުރަމުންދާ ކަމަށާއި މީ މަސްވެރިންނަށް ލިބިގެންދާ ވަރަށްބޮޑު ގެއްލުމެއްކަމަށެވެ. 

މާލެ ސަރަހައްދުގައި  އެއްފަހަރާ ހުޅުމާލޭގެ ފޭސް ތިނެއް، ގުޅީފަޅު، ގިރާވަރު ފަޅު އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށް އެއްސަރަހައްދުތަކުން ވެލި ނަގަމުން ދާ ދިއުމާމެދު މަސްވެރިންގެ މި ކަންބޮޑުވުމަށް ކަމާބެހޭ އެއްވެސް ވުޒާރާއަކުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

One thought on “އެންވެރިކަން ކުރާ ސަރަހައްދުތަކުން ބިން ހިއްކުމަށް ވެލިނެގުން، މަސްވެރިންނަށް ކިހާބޮޑު ގެއްލުމެއް؟

  1. ދޮންކަލޯ މިނިސްޓަރު ޝިއާމޫ ޗައެ އަގައިން ނުބުނެ ހަނުހުންނަނި އަނގަބެނދުނީތޯ

Leave a Reply

Your email address will not be published. Required fields are marked *