މަސްވެރިންނަށް 270 މިލިޔަން ރުފިޔާ ނުދެވި ހުއްޓާ ގާސިމަށް 130 މިލިޔަނުގެ ބަދަލެއް

މިފްކޯއަށް ކިރުވައި މަހަށް ފައިސާނުދެވި، 2 މަސް ދުވަހަށްވުރެ ގިނަވެފައިވާ މި ދަނޑިވަޅުގައި، ނުދެވި ހުރި ފައިސާ ލޯނެއް ނަގައިގެން ނަމަވެސް ދޭނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ. ފައިސާ ނުދެވި ގިނަދުވަސް ވުމާއި ގުޅިގެން މަސްވެރިންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތް މި ދުވަސްވަރު، ރައީސްގެ މި މެސެޖާއެކު ގިނަ އަދަދެއްގެ ރައްޔިތުން ރައީސް ޑރ. މުއިއްޒަށް ފާޑު ކިޔަން ފަށައިފިއެވެ. ބައެއް ދެކުނުގެ މަސްވެރިން ބުނާގޮތުގައި ރައީސްގެ ލީޑަރޝިޕް ކޮލިޓީއާއިމެދު ސުވާލު އުފެދޭކަމަށެވެ.

ފިޝަރީޒު މިނިސްޓަރ ޝިޔާމުވެސް މަސްވެރިންނާއި ދުރު، ދުރުން އުޅެވަޑައިގަންނަވާ މަންޒަރު ފެންނަށް ފަށައިފައި ވާކަމަށްވެސް ބައެއް މަސްވެރިން ބުނަމުން އެބަދެއެވެ. އަދި އެމަނިކުފާނު މީޑިއާއަށް ތިލަވާ މިންވަރު ބޮޑުތަނުން ދަށްވެފައިވާކަމަށްވެސް ވަރަށް ބޮޑަށް މަސްވެރިރާއްޖެއަށް މަސްވެރިން ފާހަގަ ކުރެއްވެވިއެވެ. މީއީ، އެބޭފުޅުން ވެރިކަމާއި ހަވާލުވެ ވަޑައިގެން އުންމީދު ކުރެއްވި ގޮތަށް ސަރުކާރު ނުހިގާތީކަމަށްވެސް ވެދާނެއެވެ. ނުވަތަ މިފްކޯ މަސްވެރިނަށް ދަރާފައިވާލެއްބޮޑުކަމުން ފެންނަށް ބޭނުން ނުވަނީކަމަށްވެސް ވެދާނެ ކަމަށް ކަމުވޮށިގެންވާ ބޭފުޅުން ފާހަގަކުރައްވައެވެ.

ވަރަށް ނާޒުކު ދަނޑިވަޅެއްގައި ޤައުމުއޮތް މި ހާލަތުގައި ސަރުކާރުން ޤާސިމަށް 130 މިލިއަން ރުފިޔާގެ ބަދަލެއް ކުއްލިއަކަށް ދޭން ނިންމުމަކީ މަސްވެރިންގެ ސުވާލު އިންތިހާއަށް އޮތް ކަމެކެވެ. ޤާސިމުގެ ފިޝަރީޒު ހޮރައިޒަން އާއި ކީކިމިނި އޮޕަރޭޓު ނުކުރެވި ގިނަފަހަރު ވާނުވާގައި އޮންނާތީ މަސްވެރިންގެ ކަންބޮޑުވުން ނުހަނުބޮޑެވެ. މީއީވެސް ސަރުކާރަށް އެއްވެސް އެއްޗެއް ބުނަށް ނުކެރި މި ޤައުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައި ގަންނަވާ އިހުމާލެކެވެ. ޤާސިމަށް އެކަން ނުކުރެވޭ ކަމަށް ވަނީނަމަ އެތަންތަން ސަރުކާރަށްނަގައި މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުން ނުވަތަ އެކަން ކުރެވޭނެ ބަޔަކަށް ދިނުމަކީ މި ދަނޑިވަޅުގައި މަސްވެރިކަން ހަމަ މަގަށް އެޅުއްވުމަށް ސަރުކާރަށް ކުރެވިދާނެ ކަމެކެވެ. ޤާސިމަކީ ކޮންމެ ސަރުކާރެއް ބަދަލުވާ ވަގުތު ސަރުކާރުން ކޮންމެވެސް ބަދަލެއްގެ ގޮތުގައި އެތަށް 100 މިލިއަށް ރުފިޔާއެއް ސަރުކާރުން ހޯދުމުގެ ކުޅަދާނަކަން ހުރި ބޭފުޅެކެވެ.

މިފަދަ ސިޔާސީ ކަންތައްތަކާއިހުރެ މިފްކޯފަދަ އާންމު ނިކަމެތި ރައްޔިތުންނާއި ގުޅުންހުރި އެތައްކަމެއްގެ މަސްލަހަތު މިވަނީ ބަޔަކަށްނޭގިނަމަވެސް ނަގާލެވިފައެވެ. މިއީ ހުރިހާ ރައްޔިތުންވެސް ވަރަށްކައިރިން މިފަދަ ޢަމަލުތަށް ބަލައި މިފަދަ ކަންތައްތަށް ތަކުރާރު ވިޔަނުދިނުމަށް ސަރުކާރު ޒިންމާދާރު ކުރުވަންޖެހޭނެ ކަންކަމެވެ. އަދި މިފްކޯއިން ބޭރުކުރާ މަހަށް ވާނުނުވެސް ވަރަށް ކައިރިން ބަލާ މިފްކޯވެސް ޒިންމާދާރު ކުރުވަން ޖެހޭނެއެވެ. އެހެންނޫންނަމަ ނިކަމެތި މީހާ ވާނީ ބޮޑަށް ނިކަމެއްޗެވެ. މަސްވެރިންގެ ހައްޤުގައި އެއްމެން ސަރުކާރަށް ޒިންމާދާރު ގޮތުގައި ފާޑު ކިޔަމާ ހިގާށެވެ.

Leave a Reply

Your email address will not be published. Required fields are marked *