ލޯނު ހޯދުމުގައި ގޮންޖެހުން އެބަހުރި، އެކަމަކުވެސް ހައްލު ހޯދައިދޭނަން

މަސްވެރިންނަށް ނުދެއްކިހުރި ފައިސާ މަސްވެރިންްނަށް ދެއްކުމަށް، ސަރުކާރާއި އަދި މިފްކޯއިންދަނީ ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް، ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންކަމުގައި މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންނަމަވެސް ފައިސާ ނުދެވިގެން މަސްވެރިންގެ ޝަކުވާތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި ޝަކުވާތަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު އިއްޔެ ވިދާޅުވީ މިފްކޯއިން ލޯނު ނަގައިގެންވެސް މަސްވެރިނަށް ފައިސާ ދެއްވާނެކަމަށެވެ.

ރައީސް މުއިއްޒު އެހެން ވިދާޅުވެފައިވަނިކޮށް، މިނިސްޓަރ ޝިޔާމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރިކަމަށެވެ.

އެހެންނަމެވެސް ޔަގީން ކުރަނީ ލަސްތަކެއްނުވެ މިހާރު ހުރި ބެކްލޮގް އެއްކޮށްފިލުވާލެވި ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވިގެން ދިއުން ކަމުގައި ޝިޔާމް ވިދާޅުވެފައި ވެއެވެ.

މަސްވެރި ސިނާއަތުގައި ހުރި އެހެން ގޮންޖެހުންތައްވެސް ހައްލުވެ މިސަރުކާރުގެ މަސްވެރި މެނިފެސްޓޯ ބަރާބަރަށް ތަންފީޒުވެ މަސްވެިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ހުންނެވީ ކަންކަން ހައްލުކުރައްވަން އެންމެ ކުރިޔަށް ނިކުންނަވާ ކަމަށާއި، މަސްވެރިންގެ ފަރާތުން އަބަދުވެސް ލިބޭ އެއްބާރުލެއްވުމަށް ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން މަސްވެރިއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން ކަމަށާއި، އަދި އެއީ ލިބޭ ވަރަށްވެސްބޮޑު ހިތްދަތިކަމެއްކަމަށް ގަބޫލުކުރައްވާ ކަމުގައެވެ.

މަސްވެރި އާއިލާތައް މިވަގުތު ދިރިއުޅެމުންދަނީ ރަނގަޅަށް ބަނޑުމުއްތި ކުރުމެއްނެތި ފައިސާގެ ތާށިކަމުގައި ކަންމަތީ ފިހާރަތަކަށް ދަރައި، ވިކުރާ ފޮތުގައި ޖައްސައިގެން ލޭންދޭނަށްކަމުގައި މަސްވެރިނާއި އާއިލާތަކުން ފާހަގަކުރައްވައެވެ. 

Leave a Reply

Your email address will not be published. Required fields are marked *