މަސްވެރިކަން އިޝްތިހާރުކޮށް، އާމްދަނީ އިތުރުކުރުމަށް ކުންފުންޏެއް އުފައްދަވައިފި

މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުން ލިބޭ މަންފާ އިތުރުކުރުމަށް “މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް” ނަމުގައި ކުންފުންޏެއް އުފައްދަވައިފިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރެއްވުމަށް ރައީސް ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި މަސްވެރިންނަށް ޚާއްޞަ އިސްކަމެއް ވަނީ ދެއްވާފައިވާފައެވެ.

ދިވެހިރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ޚާއްޞަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް އިއުލާންކުރެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ޖަލްސާގައެވެ.

މި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުންފުނީގެ ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެކެވެ.

މަސްވެރިކަމުގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުމަކީވެސް ކުންފުނީގެ މަގްސަދެއްކަން ފާހަގަކޮއްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *