މަސްވެރިކަން ކުރިއަރުވަން ސައުދީން އެހީވަނީ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެހީތެރިވެދޭނެކަމަށް ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް، އެސްއެފްޑީން ޔަގީންކަން ދެއްވައިފިއެވެ.

ސީފުޑަށް ޚާއްސަކޮށްގެން ސައުދީ އަރަބިއްޔާގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަންގައި ބައިވެރިވެލައްވަން މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް މިހާރު ހުއްނެވީ ސައުދީ އަރަބިއްޔާގައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ސީއީއޯ ފައިސަލް އަލް ކަހްތާނީއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ފަރާތުން މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

ފައިސަލް އަލް ކަހްތާނީ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ ކަންކަން ހާސިލްކުރުމަށް ކުރިއަށްއޮތް ތަނުގައިވެސް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި އެގްޒިބިޝަނާއި ގުޅޭގޮތުން ވަޒީރު ޝިޔާމް ވިދާޅުވީ މިއީ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން މައުލޫމާތު ހިއްސާކުރުމަށް ލިބޭ މުހިއްމު ޕްލެޓްފޯމެއް ކަމަށެވެ.

ސައުދީގެ އެސްއެފްޑީން މަސްވެރިކަން ކުރިއެރުވުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، 2020 ވަނަ އަހަރު ސައުދީންވަނީ 375 މިލިޔަން ރުފިޔާގެ ހިލޭ އެހީ މަސްވެރިކަން ކުރިއަރުވަން ދެއްވާފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *