މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށަނީ

މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަށާއި އެ ދަފުތަރުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލަން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ.މުއިއްޒު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބޭއްވި ނޫސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އެންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އެހެން ހަރުފަތަކަށް ގެންދިއުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ. މިއަދުގެ މަސްވެރިކަމަކީ ރާއްޖޭގައި ޕްރޮފެޝަނަލް އިންޑަސްޓްރީއެއްގެ ގޮތުގައި ބޭންކިން ދާއިރާ އަދި އެއްވެސް މުއަށްސަސާތަކަކުން ބަލައިގަންނަ މަސައްކަތެއް ނުވަތަ ސިނާއަތެއް ނޫން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ލޯނު ހޯދުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. “މި ދަފުތަރާއެކު އެ ދަތިތަކަށް ހައްލެއް ލިބޭނެ،” ފިރުޒުލް ވިދާޅުވި އެވެ.

މި ދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ މީހުންނަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީން ކަމުގައި ހިމެނޭ މީހުންނަށް ވާންޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ދަފުތަރު އޮތުމުން މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަމާއި ސަބްސިޑީ ކަހަލަ ހިދުމަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ފަސޭހަވާނެ ކަމަށެވެ.

މި ސަރުކާރުގެ ވައާދާ އެއްގޮތަށް މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލާއިރު، ފާނައިގެ މަސްވެރިކަން ކަހަލަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިން އަދި ސްޕޯޓްސް ފިޝިން ކަހަލަ ހަރަކާތްތަކުގެ މަޢުލޫމާތު ވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަކީ 2019 ވަނަ އަހަރު އަމަލުކުރަން ފެށި މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ވިޔަސް މިހާތަނަށް އޮތީ އެ މަސައްކަތް ނުފެށި އެވެ.

Leave a Reply

Your email address will not be published. Required fields are marked *