ނޯއާ، ފިޝިން ޓޫރިޒަމަށް ފުރިހަމަވެ ފައްކައިވެފައި

ހއ އިހަވަންދޫގައި މަސްވެރިކަމަށް ދުއްވަމުން އަންނަ ނޯއާ ދޯންޏަކީ ޒަމާނީ ޓެކްނޮލޮޖީއާއި އެކު ފަޅުވެރިންނަށް ސިއްހީގޮތުން ރައްކާތެރި އަރާމް މާހައުލެއްގައި މަސްވެރިކަން ކޮށްލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ދޯންޏެކެވެ.

90 ފޫޓް ދިގު 26 ފޫޓް ފުޅާ މި ދޯންޏަކީ ޔަންމާ 405 ހޯސްޕަވަރ 3.4 (މީޑިއަމް ހެވީ) ގިޔަރުއެޅި އިންޖީނެއްގައި ގަޑިއަކު 13 ނޯޓިކަލް މޭލު ދުވާ ދޯންޏެކެވެ. މިދޯނީގައި މަސް ރައްކާ ކުރުމަށް 14 ވަތްގަނޑާއި އެންދިރުވުމަށް 3 އެންވަތް ހުރެއެވެ. އަދި 30 ފީފާގެ ޑީސަލް ސްޓޯކުރެވޭނެ ޓޭންކާއި 8000 ލިޓަރުގެ ފްރެސް ވޯޓަރ ޓޭންކްވެސް ހުރެއެވެ.

ނޯއާ ދޯނި މަސްއައިނެއްގައި

ދޯނީގެ ފެންވައިރު ނިޒާމް ޑިޒައިންކޮށް ގާއިމްކޮށްފައިވަނީ ކަރަންޓް ޕަންޕުން މަލްޓި ފަންގްޝަންކޮށް އޮޕަރޭޓް ކުރެވޭގޮތަށެވެ. އެނިޒާމުގެ ތެރެއިން ލޯޕްރެޝަރ އަދި ހައިޕްރެޝަރ މެނިފޯލްޑުން މުޅިދޯންޏައް ބޭނުންވާ ލޮނުފެން އެންމެ ޕަންޕަކުން އެޅުމާއި ބޭރު ކުރެވެއެވެ. މި ސިސްޓަމްވަނީ ހުރިހާ ޕަންޕަކަށްވެސް ގުޅާލެވިފައެވެ. އަދި އެން ކައްޅިތަކަށް އަޅާ ލޮނުފެން ސަޕްލައި ކުރުމަށް ލޯޕްރެޝަރ މެނިފޯލްޑްބޭނުން ކުރެއެވެ. ހައިޕްރެޝަރ މެނިފޯލްޑް ބޭނުންކުރަނީ މަސްބާނާވަތު ފެންޖެހުމަށެވެ. ނުވަތަ ދޮށިއަޅާއިރު ބުޅިއަށްފެންލުމަށެވެ. މި ނިޒާމުގެ ސަބަބުން ދޯނި ފަހަރުގެ ހަލް އެކިތަންތަނުން ތޮރުފުން މަދުކޮށްދޭނެއެވެ.

ނޯއާ ދޯނީގެ ފެންވައިރު

ނޯއާ ދޯނީގެ ފެންވައިރު އެންވަތުގެ އެތެރެ ޑިޒައިން ކުރެވިފައިވާގޮތް

މިދޯނީގެ އިންޖީން ރޫމް ޑިޒައިން ކޮށްފައި ވަނީ ޖާގަ ތަނަވަސްކޮށް ތަރުތީބީ ގޮތެއްގައެވެ. އެގޮތުން 2 ތެޔޮޓޭންކު ގުޅާލުމަށް ހާއްސަ މެނިފޯލްޑެއް ޑިޒައިންކޮށް ވަނީ ހަދައިފައެވެ. މިކަމުގެ ސަބަބުން ޓޭންކުގައި އުފެދޭ ފެނާއި ތެލުގައި ހުންނަ ކުނި ފަސޭހައިން ސާފްކޮށްލެވެއެވެ. އަދި ވޭލަކަށް މައްސަލައެއް ޖެހުނަސް މުޅިޓޭންކު ހުސްކުރަންނުޖެހި ހައްލުކުރެވެއެވެ. މިނިޒާމަކީ މެއިންޓެނެންސް މަދު ޔަގީންކަން ބޮޑު ނިޒާމެއްކަން ފާހަގަކޮއްލެވެއެވެ.

ނޯއާ ދޯނީގެ އިންޖީން ރޫމް

ފިއުލް މެނިފޯލްޑް

އޭގެ އިތުރަށް މި ދޯންޏަކީ ޒަމާނީ އެއްމެ ފަހުގެ ނެވިގޭޝަނަލް އިކްއިޕްމަންޓްސް އަޅާފައިވާ ދޯންޏެކެވެ. އޭގެ ތެރޭގައި 96 މޭލު ކަވަރ ކުރާ ރޭޑަރާއި ސައުންޑިން ފިޝް ފައިންޑަރ އަދި ޖީޕީއެސް ޗާޓް ޕްލޮޓަރ މަލްޓިފަންގްޝަނަލް ޑިސްޕްލޭސް ހިމެނެއެވެ. ސެޓްލައިޓް ޓީވީއާއި މުނިފޫހި ފިލުވުމަށް ރޭގަނޑު ގޭމް ކުޅެވޭނެ އިންތިޒާމާއި އެން އެކްޓްރެކްޓް ކުރުވާނެ އަންޑަވޯޓަރ ލައިޓް ހުރެއެވެ. އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ސޯލާޕެނަލް ހަރުކޮށްފައިވެއެވެ. އަދި މޫދު ލޮނު ފްރެޝް ފެނަށް ބަދަލު ކުރުމަށް ޑީސެލިނޭޝަން ޕްލާންޓާއި ބޯފެނާއި ކައްކާފެން ހެދުމަށް މިނަރަލްވޯޓަރ ޕިއުރިފަޔަރ ހުރެއެވެ.

;ނޯއާ ދޯނީގެ ވެރިޔާ ކެޕްޓަން ހަލީމް ރާޑަރު ސިސްޓަމް ޓެސްޓްކޮށްލަނީ

ފަޅުވެރިންގެ ސާފްތާހިރުކަން ދެމެހެއްޓުމަށްޓަކައި ލާން ގެންގުޅޭ އަންނައުނު ދޮވުމަށް ދޮންނަމެށިނުވެސް ހުރެއެވެ. އަދި ފަޅުވެރިން ދުޅަހެޔޮ ސިއްހަތެއްގައި އަރާމުކޮށް ނިދުމަށް ކޮމްފޯޓް ފޯމް މެރިން ގޮދަޑިއާއި ސިޓިންރޫމް އަދި ނިދާ ކޮޓަރި އޭސީކުރެވިފައި ވެއެވެ. ރައްކާތެރި ގޮތުގައި އެއްޗެހި ރައްކާކުރެވޭނެ އިންތިޒާމާއި ފަޅުވެރިންގެ ޕަރސަނަލް ލޮކަރ ވެސް ހުރެއެވެ. ބަދިގެއާއި ބަދިގޭގައި ބޭނުންކުރާ ތަކެއްޗަކީ ކަރަންޓުން ބޭނުން ކުރާތަކެއްޗެވެ. އޭގެ ތެރޭގައި ކޮފީމެޝިން، ރައިސް ކްކަރ އަދި މިކްސްޗަރ ފަދަ ތަކެތި ހިމެނެއެވެ.

ދޯންޏަށް ބޭނުންވާނެ ކަރަންޓް ނެގުމަށް 30 ކިލޯ ވޯލްޓްގެ ކަމިންސް ދެ ޖެނެރޭޓަރ ހުރެއެވެ. މި ދޯންޏަކީ ފަޅުވެރިންގެ ގޮތުގައި 18 – 25 މީހުންގެ ޖާގައިގެ ދޯންޏެކެވެ. ހިސާބު ކިތާބު ބެލެހެއްޓުމަށް “މައި ކެޕްޓަން” ސޮފްޓްވެއަރ މިދޯނީގައި ދަނީ ބޭނުންކުރަމުންނެވެ.

ފަޅުވެރިން ޓިވީބަލަނީ

ނޯއާ ދޯނީގައި ބެހެއްޓިފައި ހުރި 2 ޖަނަރޭޓަރު

ފަޅުވެރިންގެ އެކޮމޮޑޭޝަން

މިހުރިހައި މަޢުލޫމާތެއް ދެއްވަމުން ދޯނީގެ ވެރިޔާ ކެޕްޓަން ހަލީމް ފާހަގަކުރެއްވީ ދޯނި މިހައި ފުރިހަމަކޮށް ހެދުމުގެ ބޭނުމަކީ ފިޝިން ޓްއަރިޒަމް ދޯނީގައި ފެށުންކަމުގައެވެ. ނޯއާ ދޯންޏަކީ އޯޝަންވިކްޓްރީ ބޯޓް ޔާޑުގެ އުފެއްދުމެކެވެ. ޔާޑް ހުންނަނީ އދ މަންދޫގައެވެ. ނޯއާ ދޯނި މޫދައްބޭލީ 2021 ވަނައަހަރުގެ ޖުލައި މަހުއެވެ. 

Leave a Reply

Your email address will not be published. Required fields are marked *