ބޮލަކަށް 35000 ރުފިޔާގެ ރޭޓުން ރެސްކިއު ޑައިވަރުން ތަމްރީނުކުރުމަށް ކޮންސަލްޓެންޓުން ހޯދަނީ

ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދަކަށް މަދުވެގެން އެއް ރެސްކިއު ޑައިވަރު ތަމްރީނުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް، ފިޝަރީސް މިނިސްޓްރީން ކޮންސަލްޓެންޓުންގެ ގޮތުގައި ޑައިވް އިންސްޓެކްޓަރުން ހޯދަން އިއުލާންކޮށްފިއެވެ.

މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއްފަޅުވެރިޔަކު، “ރެސްކިއު ޑައިވަރ” ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ކުރިޔަށްގެންދަން ނިންމާފައިވާ މި ޕްރޮގްރާމް އިއުލާންކުރެއްވީ، 43 ވަނަ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދާނީ ދެކުނުގައެވެ. އެއީ ލ، ގއ، ގދ އަދި އައްޑޫ ސިޓީއަށް އަމާޒުކޮށްގެންނެވެ. އެ އިއުލާނުގައިވާ ގޮތުން، ޕްރޮގްރާމްގައި ތަމްރީނުކޮށްދޭ ކޮންމެ ބައިވެރިއެއްގެ ރޭޓުން 35،000 ރުފިޔާ ދޭނެއެވެ.

މިނިސްޓްރީގެ އިއުލާނުގައިވާގޮތުން މިކަމަށް ޝައުގުވެރިވާ ފަރަތްތަކުން އަންނަ މަހުގެ 4 ގައި މައުލޫމާތު ސާފުކުރުމަށް ފަހު، އަންނަ މަހުގެ 9 ގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 3339231, 3339239 އަދި 3339227 އިން ހޯދޭނެ އެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވައިފުޅި އަޅައިގެން ފީނައިގެން އެންދަމާ ކޮންމެ އުޅަނދަކުން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރާއި ހަމައަށް ސެޓިފައިކުރުމުގެ ޕްރޮގްރާމު ފަށަން ނިންމައިފައިވާއިރު އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ އެހީ ދޭން ވެސް ކުރިން ވަނީ ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *