އެންވެރިކަން ކުރާ ސަރަޙައްދުން ހުއްޓުމެއްނެތި ވެލިނެގުން ކުރިއަށްދާތީ އެކަން ހުއްޓުވަން މަސްވެރިން ނުކުންނާނެ ކަމުގެ ފެހި ސިގުނަލެއްދީފި
މާލެ ސަރަހައްދުގައި އެއްފަހަރާ ހުޅުމާލޭގެ ފޭސް ތިނެއް، ގުޅީފަޅު، ގިރާވަރު ފަޅު އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރުމަށް އެއްސަރަހައްދުތަކުން ވެލި ނަގާތީ މާލެ ސަރަހައްދުގެ އެންވެރިކަން ހަލާކުވަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވަނިކޮށް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ވުޒާރާއަކުން އާޅާލުމެއްނެތި ޖައްރާފުން ވެލިނެގުން ހުއްޓުމެއްނެތި ކުރިއަށް ދާތީ އެކަމުގެ ކަންބޮޑުވުން އެނެއްކާވެސް މަސްވެރިން ފާޅުކޮށްފިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވާގޮތުން ހުއްޓުމެއް ނެތި މާލެ އަތޮޅުން އެންވެރިކަން ކުރާ ސަރަހައްދުން ވެލިނެގުމުގެ ކަންތައް ކުރިޔަށް ދާކަމަށާއި މި ނޫން އެހެން ތަނެއް މާލެ އަތޮޅުގައި ވެލި ނަގަންނެތީތޯ އާއި، ކަމާއި ބެހޭ ފަރާތްތަކަށް މިކަން ނުހުއްޓުވޭ ނަމަ މަސްވެރިން ނިކުމެ މިކަން ހުއްޓުވަންވީތޯ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕޯސްޓުގައި ހިއްސާ ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މުޅި ސަރަހައްދު ވަރަށް ބޮޑަށް ވަނީ އެންވެރިކަން ހަލަކުވާނެހެން ކިލަނބުވެފައެވެ.
މީގެ ކުރިން ވެސް “ބީކޭއެމްޔޫ” އިން ވަނީ ޖައްރާފުތަކުން ބިންހިއްކުމަށް ވެލިނަގަމުންދާތީ އެންވެރިކަމަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން މި ކަންބޮޑުވުންތަކާއިއެކު ބައެއް ބޭފުޅުން ސޯސަލް މީޑިއާގައި ފާޅުކޮށްފައިވާ ގޮތުގައި އެއްބައެއްގެ އާމުދަނީގެ ވަސީލަތަށް އަނެއްބަޔަކު އަރައިގަތުމަށް ފަހިކުރުމަކީ ރާއްޖޭގެ އިގްތިސާދަށް އޮތް ނުރައްކަލެއް ކަމުގައި ފާހަގަ ކޮށްފައެވެ. ހަގީގަތުގައިވެސް މަސްވެރިންގެ މި ކަންބުވުމަކީ ވަރަށްވެސް ސީރިއަސް މައްސަލައެކެވެ. މަސްވެރިކަމުގެ ސިނާއަތް އެހާމެ އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ވަރަށްވެސް ފުންކޮށް ވިސްނައި މި މައްސަލައަކީ އަވަސް ހައްލެއް ހޯދައިދިދޭންޖެހޭ ހައްސާސީ މައްސަލައެކެވެ.