ނިދަންމިޔަރު

ނިދަންމިޔަރަކީ ރާއްޖޭގެ ފަރު ފަޅުތަކާއި ވިލު ވިލުގައި ގިނައިންއުޅޭ މިޔަރެކެވެ. މިއީ ކަނޑު ފަޅު ފީނާ އުޅޭ މީހުނަށް ގިނައިން ފެންނަ މިޔަރެކެވެ. މިއީ ވަރުގަދަ ހަންގަޑެއް ލިބިފައިވާ ބަރުހެލި މިޔަރެކެވެ. ނިދަންމިޔަރުގެ މަހަކީ ކެއުމަށް ރަނގަޅު މަހެކެވެ. މިއީ ގާތްގަޑަކަށް 3 މީޓަރަށް ބޮޑުވާ މިޔަރެކެވެ. ނަމަވެސް އާއްމުގޮތެއްގައި ފެނިފައި ހުންނަ މިބާވަތުގެ މިޔަރުގެ ބޮޑުމިނަކީ 2.5 މީޓަރެވެ. މިބާވަތުގެ މިޔަރު ވިހާ ޅަމިޔަރުގައި ގާތްގަޑަކަށް 40 ސެންޓިމީޓަރު ހުރެއެވެ.

English Name : Tawny nurse shark

Family : GINGLYMOSTOMATIDAE

Order : Orectolobiformes

ނިދަންމިޔަރުގެ ކާނާއަކީ ހިޔަމަ، ކަކުނި، އިހި، މުރަކަ، ބޯވަ، ބޯވަދިލަ އަދި ކުދި މަހެވެ. ގިނަ އަދަދެއްގެ މި ބާވަތުގެ މިޔަރު އެއްހިސާބެއްގައި ނިދާފައި ތިއްބާ ފެނުމަކީ އާއްމުކަމެކެވެ. މި މިޔަރު ނިދާފައި ތިބޭއިރު ގިނައިން ތިބެނީ އެސޮރުމެންގެ ބޯ ހަރުހަރަށް ވައްދައިގެންނެވެ. މިހެން ތިބޭއިރުވެސް ގޯނާކޮށްފިނަމަ ހަމަލާދޭ ކަމީ ފާހަގަ ކުރެވިފައިވާ ކަމެކެވެ.

މި މިޔަރުގެ ކުލަޔަކީ މައިގަނޑު ގޮތެއްގައި މުށި ކުލައެވެ. ބަނޑުދަށުގެ ކުލަ ބުރަކަށި މަތީގައި ނުންނަ މުށިކުލައަށް ވުރެ ފަނޑުވާނެއެވެ. އަދި އުރަހަތަށް ހުންނާނީ އަޅި ކުލައެއްގައެވެ. މިބާވަތުގެ މިޔަރުގެ އުރަހައަކީ މިޔަރު އުރަހައިގެ ވިޔަފާރީގައި ބޭނުންކޮށްއުޅޭ އުރަހައެކެވެ.

Leave a Reply

Your email address will not be published. Required fields are marked *