ޑިއުޓީއަކާ ނުލައި މަހުގެ 296 ބާވަތެއް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް
ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއްވެސް ޑިއުޓީއަކާ ނުލައި ސީފުޑް ނުވަތަ މަހުގެ 296 ބާވަތެއް ޗައިނާއަށް އެތެރެކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިޤްތިޞާދީ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާކަމަށެވެ. ޚާއްޞަކޮށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމާއި ރީ އެކެކްސްޕޯޓު ކުރުމުގެ ފުރުޞާތު ލިބިގެންދާނެކަން ސަޢީދު ފާހަގަކުރެއްވިއެވެ.
އެގޮތުން 269 ބާވަތެއްގެ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަހުގެ 296 ބާވަތް ރާއްޖެއިން ލިބެން ނެތް ކަމުގައިވިޔަސް އަމާޒަކީ ރާއްޖެއިން ނުލިބޭ މަހުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް އެތަކެތި އިމްޕޯޓް ކުރުންކަމުގައެވެ.
“296 ބާވަރުގެ ސީފުޑް ރާއްޖޭގައި ނުހުރެދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއިން ނުލިބޭ ސީފުޑް އިމްޕޯޓްކުރުން. އަދި ރާއްޖެއިން ރީއެކްސްޕޯޓް ކުރުން. 10% އާއި 30% ވެލިއު އެޑިޝަނެއް ހަދަން މިޖެހެނީ. ރާއްޖެއިން ރީއެކްސްޕޯޓްކުރުން އެއީ ޗައިނާއާއެކު ކުރެވޭނެ މަސައްކަތެއް. މިހާރުވެސް “ގްރޫޕާ” ހުއިފިލަނޑާ، އަދި ކޮންމެވެސްވަރަކަށް ޔެލޯފިން ޓޫނާ އެތެރެކުރޭ. އެކަންކަން ފުޅާކުރުން. އެއީ ފްރީޓްރޭޑުގެ ތެރެއިން ލިބޭ ވަރަށް ފަހި ފުރުޞަތެއް.” ސައީދު ޕީއެސްއެމްއަށް ވިދާޅުވިއެވެ.
މިފަދަފަހި ފުރުސަތެއް ލިބިގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެތަރައްގީވެގެންދާނެކަމެއްގެ ގޮތުގައި ކަމުގެ މާހިރުން ދެކެއެވެ. އަދި ވަޅުޖެހިފައިވާ މަސްވެރިކަމުގެ ސިނާއަތަށް އާރޯކަން ލިބިގެންދާނެ ކަމެއްކަމަށްވެސް އެބޭފުޅުން ދެކެއެވެ.