ތާވަޅަ

ތާވަޅައަކީ ވަރަށް ގިނަ ފަޅު ފަޅަށް ބައެއް މޫސުމުގައި ގިނައިން ވަދެ އުޅޭ އެން މަހެކެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެންވެރިކަން ދަތިވީމާ ތާވަޅަ ދަމައިގެން މަހަށްގޮސް އުޅެއެވެ. ނަމަވެސް ގިނަ މަސްވެރިން ދެކޭ ގޮތުގައި ތާވަޅައަކީ މަސްވެރިކަމަށް ރަނގަޅު މަހެއް ނޫނެވެ. “ކެރަވަޅަ” އަކީ ތާވަޅައިގެ ކުދި ޅަ މަހެވެ.

Scientific Name: Hypoatherina temminckii (Bleeker, 1854)

English Name: Samoan silverside

Family: ATHERINIDAE

Order: Clupeiformes

Size: Common to 7 cm; max. 11 cm

ތާވަޅައިގެ ކަންފަތް ގަނޑުގައި 14 އާއި 18 އާއި ދެމެދުގެ ޢަދަދަކަށް މަޑުކަށި ހުރެއެވެ. ތާވަޅައަކީ ހިމަކޮށް ހުންނަ ކުޑަމަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 11 ސެންޓިމީޓަރަށެވެ. އާއްމުގޮތެއްގައި ފެންނަނީ 7 ސެންޓިމީޓަރަށްވުރެއް ކުދި މަހެވެ. މަހުގެ ހުޅުބުތައް ތުނިފެފައި ބޮޑެއްޗެވެ. މިމަސް ކާނައިގެ ގޮތުގައި ބޭނުންކޮށް އުޅެނީ ކަނޑުގައި އުޅޭ ކުދި ކުދި ފަނި ފަކުސާއެވެ.

މަހުގެ މަތީބައިގެ ކުލައަކީ ފެހި ކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ ބޮލުންފެށިގެން ނިގޫފަތާއި ހަމައަށް ކަޅުކުލައިގެ ފުޅާ ރޮނގެއް ހެރެއެވެ. މަހުގެ ބޮލުގެ މަތީބައި އާއްމު ގޮތެއްގައި ހުންނަނީ ކަޅުކުލައިގައެވެ. ތާވަޅަ ފަޅު ތެރެއަށް ވަދެފައި އޮންނައިރު ތޮޅިއާއި ހަނދީގެ ބާވަތްތައް ކާނާ ޝިކާރަކުރުމަށް ތާވަޅަ އައިންތަކަށް ހަމަލާދީ ކަވާހަދައެވެ. ތާވަޅަ ފަޅުތެރޭގައި ގުންބަޅައާއި މުށިމަހާއިއެކު އައިން ހަދައިގެން އުޅެއެވެ.

Leave a Reply

Your email address will not be published. Required fields are marked *