މިފްކޯއިން މަސްވެރިންގެ ބިލްތަކަށް ފައިސާ ޖަމާކުރުމުގައި އެއްވެސް އުސޫލެއްނެތްކަމަށް މަސްވެރިން ބުނެފި

މަސްވެރިރާއްޖެއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެފަހުން މިފްކޯއިން މަސްވެރިންގެ ބިލްތަކަށް ފައިސާ ދޫކޮށްފައިވަނީ އެއްވެސް އުސޫލެއްނެތި ކަމުގައި މަސްވެރިން ބުނެފިއެވެ. އަޅުގަނޑުމެންނަށް މިހަބަރު ލިބުމާގުޅިގެން، މިކަމާއިމެދު އެކިފަރާތްތަކަށް ގުޅާ މަޢުލޫމާތު ސާފްކުރުމުން އެގުނު ގޮތުގައި މިފަހަރު -/30 ރުފިޔާއާއި -/150 ރުފިޔާގެ ދެމެދުގެ އަދަދެއް ބައެއް ދޯނިތަކަށް ޖަމާވެފައި އެބަހުއްޓެވެ.

“މިއީ ތަންކޮޅެއް ބޮޑުވަރު” ~ކެޔޮޅު މޫސަ~. މި ގޮތައް ފައިސާ ޖަމާކުރާއިރު ފަޅުވެރިންނަށްވެސް އެއްޗެއް ދެވޭ ކަހަލަ ގޮތަކަށް ބިލްތަކަށް ފައިސާ ޖަމާކުރުން ވަރަށް މުހިންމު ކަމުގައިވެސް ކެޔޮޅު މޫސަ ފާހަގަ ކުރެއްވިއެވެ. “އަޅުގަނޑުގެވެސް އަނބިދަރިން އެބަތިބި، އަދި މިހާރުވެސް ހައެއްކަ ބިލަށް ފައިސާ ދޭންވެފައި އެއޮތީ” ޒުވާން ކެޔޮޅަކު މަސްވެރިރާއްޖެއަށް މަޢުލޫމާތު ދެމުން ބުންޏެވެ. މަސްވެރިކަން ދޫކޮށް ޒުވާނުން ޓޫރިޒަމް ދާއިރާއަށް ދާންޖެހޭ ސަބަބަކީ މަސްވެރިކަމުން ލިބޭ އާމްދަނީ އަތަށް ނުލިބުން ކަމުގައި އަޅުގަނޑުމެނަށް ފާހަގަ ކުރެވެއެވެ. މަސްވެރިކަމަކީވެސް ރަނގަޅު އާމްދަނީއެއް ލިބޭ ސިނާޢަތެކެވެ. ނަމަވެސް މިހާރު ހުރިހާ މަސްވެރިން ދިރިއުޅެނީ ފޮތުގައި ޖައްސައިގެންނެވެ. މިއީ އެއްވެސް މީހަކު ބޭނުންނާނެ ގޮތެއްނޫނެވެ.

މަސްވެރިކަން ދޫކޮށް އެހެން ވަޒީފާތަކަށް ހިޖުރަ ކުރާ ކޮންމެ ދިވެއްސެއްގެ ބަދަލުގައި ބިދޭސީއަކު ހޯދައިގެން ނޫނީ ދޯނިފަހަރު މަހަށް ފުރުވައިލެވޭކަށް މިހާރަކު ނޯވެއެވެ. އަދި ބިދޭސީންވެސް ޤައުމު ދޫކޮށް ރާއްޖެ އަންނަނީ ވަރަށް ފޮނި އުއްމީދަކާއެކުގައެވެ. އަނބި ދަރިންނަށް ކުރަންޖެހޭ ހަރަދުތަށް ކުރުމަށް ރަގަޅު އާމްދަނީއެއް ލިބޭނެކަމުގެ ހުވަފެނުގައެވެ. ނަމަވެސް ބުރަ މަސައްކަތުން ހޯދާ ލާރިކޮޅު ނުލިބޭ ހާލަތަށް ދިއުމަކީ ނުހަނު ހިތާމަ ހުރިކަމެކެވެ. ސަރުކާރަކުން މިހާބޮޑަށް ނިކަމެތި މަސްވެރިންގެ ދަށުވެފައި އޮތް އޮތުމަކީ ބިރުވެރިކަމެކެވެ. މިއީ ފުންކޮށް ވިސްނާ މީހަކަށް އެތަށް ސުވާލެއް އުފެދޭނެ ބިރުވެރިކަން ބޮޑު ކަމެކެވެ.

ދޯނި މޯގޭޖްކޮށްފައި ބޭންކުން ލޯނު ނަގައިގެން ހިންގާ ދޯނިފަރު ވަރަށް ގިނައެވެ. އަޅުގަނޑު މެނަށް މަޢުލޫމާތު ލިބޭގޮތުގައި ބޭންކުން ބައެއް ދޯނިފަހަރުގެ ވެރިންނަށްވަނީ ލީގަލް ނޯޓިސް ފޮނުވާފައެވެ. “މިފްކޯއިން ފައިސާ ނުދީ ލަސްކޮށްގެން ދޯނި ބޭންކަށް ނަގާފިއްޔާ މިފްކޯ ގޮވައިގެން ކޯޓަށްވެސް ދާނަށް” އޮޑިވެރިޔަކު އަޅުގަނޑުމެން ކުރި ސުވާލަކަށް ޖަވާބުދެމުން ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މިޕްކޯއިން ބިލްތަކަށް ފައިސާދިނުން ލަސްވުމުގެ ސަބަބުން ދޯނި ފަހަރުގެ އިންސިއުރަންސްވެސް ވަނީ ނުހެދިފައެވެ. އާންމުގޮތެއްގައި މަސްދޯޏެއްގެ އިންސިއުރަންސްއަށް އަހަރަކަށް 50 ހާސް ނުވަތަ 70 ހާސް ރުފިޔާ ހަރަދުކުރާނެއެވެ. ބޭންކް ލޯނުގައިވާ ދޯނި ތަކުގެ އިންސިއުރަންސް ނުހެދި ހުއްޓާ ބޮޑު ހާދިސާއެއް ހިގައިފިނަމަ މިފްކޯއިން އޭގެ ޒިންމާ އުފުލަން ކެރޭނެތޯއެވެ. މަސްވެރިންނަށް މިސުވާލުގެ ޖަވާބު މިފްކޯއިން ދެއްވުމަށް މަސްވެރިން އެދެއެވެ.

އަޅުގަނޑުމެނަށް މަޢުލޫމާތު ލިބުނު ގޮތުގައި މިފްކޯގެ  މިހާރުގެ އެމްޑީ އަކީ މީލާދީ އަހަރުން 2010 އެއް ހިސާބުގައި އެޓޯލްސްލިންކް ކިޔާ މަސް އެކްސްޕޯޓު ކުރި ކުންފުންޏެއްގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް މަސްވެރިންނަށް މިހާރު އެޓޯލްސްލިންކްސް އަކީ އެހާ ދަންނަ ކުންފުޏެއް ނޫނެވެ. ނުވަތަ އިނގޭ ކުންފުންޏެއްނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *