ގދ. މަޑަވެލި “އަލިމަސް”
ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ގދ މަޑަވެލީގައި ދުއްވުމަށް ތައްޔާރުވަމުންއަންނަ އަލިމަސް ދޯންޏަކީ ޒަމާނީ މަސްވެރިކަމެއް ކުރުމަށް ފަރުމާކޮށްފައިވާ ފައިބަރު ދޯންޏެކެވެ. ދިގުމިނުގައި 114 ފޫޓު އަދި ފުޅާމިނުގައި 26 ފޫޓު ހުންނަ މިދޯނީގެ ފަށަން ބަހައްޓައިފައިވަނީ 2021 ވަނައަހަރުގެ އޮކްޓޯބަރ 18 ވަނަ ދުވަހުއެވެ. ދޯނީގެ ފައިބަރު މަސައްކަތާއި އިންޖީނާއި ޖެނެރޭޓަރ ސެޓް އަދި ފެންފިނިކުރާ ނިޒާމް ހަރުކޮށް މޫދައް ބާލައިފައިވަނީ 2023 ސެޕްޓެމްބަރ 27 ވަނަދުވަހުއެވެ. އަލިމަސް ދޯނި ބަނދުމުގެ މަސައްކަތް ކޮށްފައިވަނީ ގދ ހޯޑެއްދޫގައެވެ.
އަލިމަސް ދޯނީގެ މައުލޫމާތު މަސްވެރިރާއްޖެއަށް ދެއްވަމުން ގދ މަޑަވެލި ބަހާރުގެ އަޒަމް މުހައްމަދު ފާހަގަކުރެއްވީ ދޯނީގައި ޖުމުލަ 34 އެނދު ފަޅުވެރިންނަށް ހާއްސަ ކުރެވިފައިވާ ކަމަށާއި ކެޔޮޅުންނާއި ސީނިޔާ ބޭފުޅުންނަށް 4 ކޮޓަރި ގާއިމުކޮށްފައިވާ ކަމަށެވެ. އަލިމަސް ދޯންޏަކީ ފަޅުވެރިންނަށް ޖާގަ ތަނަވަސް އަދި ހިތްހަމަޖެހިލައިގެން އުޅެވޭނެ އިންތިޒާމު ގާއިމު ކޮއްފައިވާ ދޯންޏެކެވެ.
ޔަންމާ 755 ހޯސްޕަވާރ ގެ އިންޖީނެއް އަޅާފައިވާ މިދޯނީގެ ދުވެއްޔަކީ 14.5 ނޯޓިކަލް މޭލެވެ. ފުލް ލޯޑުގައި ބަރުކޮށްގެން 12.5 ނޯޓިކަލް މޭލު ދުވެއެވެ. 99 ޓަނުގެ މަސް ފިނިކުރެވޭ އާރުއެސްޑަބްލިއު ޕްލާންޓު ހިންގުމަށާއި ދޯންޏައް ބޭނުންވާ ކަރަންޓް އުފެއްދުމަށް ކަމިންސް ބްރޭންޑުގެ 80 އަދި 90 ކިލޯގެ ދެޖެނެރޭޓަރ ސެޓް ވަނީ ބަހައްޓާފައެވެ. 15000 ލީޓަރުގެ ޑީސަލް ޓޭންކެއް ހުންނަ މިދޯނީގައި އެންއެޅުމަށް ހާއްސަކޮށް ބޮޑު ދެވަތް ވަނީ ފަރުމާކޮށްފައެވެ. އެންވަތުގެ ފެންވައިރު ނިޒާމް ގާއިމް ކޮށްފައިވަނީ ޖަޕާނުގެ ކަމުގެ ތަޖުރިމާ ހުރި މާހިރުންގެ ލަފަޔާއެކުގައިކަމަށްވެސް އަޒަމް ފާހަގަކުރެއްވިއެވެ.
ޒަމާނީ މިދޯނީގައި އެންވެރިކަންކުރުމަށް ޑައިވްކުރުމުގެ އިންތިޒާމުތަށްވަނީ ގާއިމުކޮށްފައެވެ. ހަމައެހެންމެ އެންވެރިކަމަށް ހާއްސަ އަންޑަވޯޓަރ 2 ލައިޓާއި މާކަރީ 3 ލައިޓް ހުރެއެވެ. އެންވަތަށް ބޭނުންވާ ފެން އެޅުމަށާއި ބުޅިއަށް ފެންލުމަށް ކަރަންޓް މޯޓަރާއި ޑީސެލް ޕަންޕް ވަނީ ބަހައްޓާފައެވެ.
އެންމެފަހުގެ ނެވިގޭޝަން ސިސްޓަމެއް އެޅުމަށް ނިންމައިފައިވާ މިދޯނީފައި އެންމެ ފަހުގެ ޖީޕީއެސް އާއި ފިޝްފައިންޑަރ މިވަގުތަށްވަނީ ހަރުކޮށްފައެވެ. ދޫނިރާޑަރު ސިސްޓަމާއި ވިންޗް ކުރިއަށްއޮތް ހަމަސްތެރޭގައި ހަރުކުރުމަށްވަނީ ނިންމާފައެވެ. ޒުވާނުންނަށް ހާއްސަ އިސްކަމެއްދެއްވައިގެން މަސްވެރިކަމަށް ޒުވާނުންނެރެ ތަމްރީނު ކުރުމުގެ ޖޯޝުގައި ތިބިޓީމެއްއޮތް މިދޯނީގައި ސްކޫލުނިންމައި މަސްވެރިކަމަށް ޝައުގުވެރިވާ ކުދިންނަށް އެފުރުސަތު އޮންނާނެކަމަށް އަޒަމް ފާހަގަކުރެއްވިއެވެ.
މި ހިނގާ ޖެނުއަރީ މަހުގެ ފަހުކޮޅު މަހަށްފުރަން މަސައްކަތްކުރަމުން އަންނަ އަލިމަސް ދޯނީގެ ވެރިޔާ އަކީ ގދ މަޑަވެލި ބަހާރުގެ އަޒީމް މުހައްމަދެވެ.