މަސްދޯނި ފަހަރުގައި ހަރުކޮށްފައިވާ ވެސަލް ޓްރެކިން ޑިވައިސްގެ ޚިދުމަތް އުރީދޫއިން ކަނޑާލަނީ
ފިޝަރީޒް މިނިސްޓްރީއާއި އުރީދޫ ގުޅިގެން މަސްދޯނިފަހަރުގައި ހަރުކޮށްފައިވާ ވެސަލް ޓްރެކިންގެ ހިދުމަތް މެދުކަނޑާލަން އުރީދޫއިން ބައެއް ދޯނިފަހަރަށް ނޯޓިސް ފޮނުވައިފިއެވެ. މަސްވެރިކަން ކުރިއެރުވުމަށާއި މަސްވެރިކަމުގެ ސިނާއަތުގެ ގޮންޖެހުންތަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންއަންނަ ކެޕްޓަން ހަލީމް ކުރައްވާފައިވާ އެކްސް ޓްވީޓެއްގައި ބުނެފައިވަނީ މަސްދޯނި ފަހަރުގައި ހަރުކޮށްފައިވާ ވެސަލް ޓްރެކިންގ ޑިވައިސްގެ ބިލް ނުދެއްކި ހުރުމުގެ ސަބަބުން މިމަހު 23 ގައި ޑިސްކަނެކްޓް ކުރުމަށް އުރީދޫއިން ނޯޓިސް ފޮނުވައިފައިވާ ކަމުގެ ޝަކުވާތަކެއް އެބޭފުޅާއަށް ލިބިއްޖެ ކަމުގައެވެ. އަދި ބިލް ދެއްކުން ލަސްވަނީ މިފްކޯއިންވެސް ފައިސާ ނުދޭތީކަމަށް މަސްވެރިން ބުނެފައިވާކަމަށް ލިޔުއްވާފައިވެއެވެ.
ވެސަލް ޓްރެކިން ޑިވައިސްއަކީ ދޯނިފަހަރަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. މޯބައިލް ކަވަރޭ ނުލިބޭ ހިސާބުތަކުގައި ދަތުރު ކުރާއިރު މުއާޞަލާތީ ގުޅުން ދެމެހެއްޓުމަށް ސެޓްލައިޓު ފޯނުގެ އެހީގައި މުއާސަލާތީ ހިދުމަތް ބޭނުންކުރެވެއެވެ. ބޭނުން ނަންބަރަކަށް ގުޅައިހެދެއެވެ. އަދި ދޯނި އޮންނަތަން ލައިވްކޮށް ޓްރެކް ކުރެވެއެވެ. އެހެންކަމުން ޑިވައިސްގެ ހިދުމަތް މެދުކަނޑާލައިފިނަމަ ދޯނީގެ މުއާސަލާތީ ހިދުމަތް މެދުކެނޑޭނެއެވެ. ބޭރުކަނޑުގައި ކުއްލިހާލަތެއް މެދުވެރިވުމުން ގުޅޭނެ ގޮތެއް ނޯންނާނެއެވެ.
އުރީދޫން މަސްދޯނި ފަހަރުގައި ހަރުކޮށްފައިވާ ވެސަލް ޓްރެކިންގ ޑިވައިސްގެ ބިލް ނުދެއްކި ހުރުމުގެ ސަބަބުން މިމަހު 23 ގައި ޑިސްކަނެކްޓް ކުރުމަށް ނޯޓިސް ފޮނުވާފައިވާ ކަމުގެ ޝަކުވާތަކެއް އަޅުގަނޑަށް ލިބިއްޖެއެވެ. ބިލް ދެއްކުން ލަސްވަނީ މިފްކޯއިންވެސް ފައިސާ ނުދޭތީކަމަށް މަސްވެރިން ބުނޭ pic.twitter.com/cE2QpIk0DD
— Abdul Haleem Abdul Nasir (@haleemnasir) January 22, 2024
މަސްވެރިން ކިރާ މަހަށް މިފްކޯއިން ފައިސާ ދިނުން އެތައް މަހަކަށް ލަސްވެ، ފައިސާގެ ދަތިކަން ތަހައްމަލުކުރަމުންމިދާ ދަތި އެހާމެ ހިތްދަތި މިދަނޑިވަޅުގައި ވެސަލް ޓްރެކިންގެ ހިދުމަތް ކަނޑާލަން ނޯޓިސް ފޮނުވުމަކީ ވަރަށްވެސް އިހާނެތި ގޮތެއްކަމަށް ގިނަ އަދަދެއްގެ މަސްވެރިން ފާހަގަކޮށްފައިވާ ކަމަށް ކެޕްޓަން ހަލީމް މަސްވެރިރާއްޖެއަށް މަޢުލޫމާތު ދެއްވަމުން ފާހަގަކުރެއްވެވިއެވެ.