ފިޝް ފައިންޑަރ ގަތުމުގެ ކުރިން ވިސްނަންޖެހޭނެ މުހިންމު ބައިތައް – ޕާރޓް -1

މި ޒަމާނުގައި މަސްވެރިން އެންހޯދުމަށާއި ކަނޑު އަޑިން މަސް ހޯދުމަށް ބޭނުންކުރަމުން އަންނަ  މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތަރައްޤީކޮށް ބޭނުންކުރީ އެމެރިކާގެ ކަނޑުގެ ސިފައިންނެވެ. މި ހޯދުމުގެ އަސްލު އުސޫލަކީ މީގެ 75 ވަރަކަށް އަހަރު ކުރިން ނޭވީން ގެންގުޅުނު އުސޫލެއް ކަމަށާއި، މިއީ ސޮނާރގެ ނަމުން މަޝްހޫރު އުސޫލެވެ. ސޮނާރ އަކީ ‘ސައުންޑް، ނޭވިގޭޝަން، އެންޑް ރޭންޖިންގ’ އެވެ.

ފިޝް ފައިންޑަރ މަސައްކަތް ކުރަނީ ކިހިނެއް؟

ސޮނާރ މަސައްކަތް ކުރަނީ ޓްރާންސްމިޓަރުން އިލެކްޓްރިކަލް ސިގުނަލެއް ފޮނުވައި، ޓްރާންސްޑިއުސަރއިން އެ އިލެކްޓްރިކް ސިގުނަލް ސައުންޑް ވޭވަށް ބަދަލުކޮށް، އެ ސައުންޓް ވޭވް (ކޯން ބައްޓަމަށް) ފެނުގެ އަޑިއަށް ފޮނުވައިގެންނެވެ. އެ ފޮނުވާ ސައުންޑް ވޭވް އެއްޗެއްގައި ޖެހުމުން އެ ސިގުނަލް އަނބުރާ ޓްރާންސްޑިއުސަރަށް ފޮނުވައެވެ. އަދި އެ ޓްރާންސްޑިއުސަރ އިން އެބުރި އަންނަ ސައުނޑް ވޭވް އަނބުރާ އިލެކްޓްރިކަލް ސިގްނަލަކަށް ބަދަލުކުރެއެވެ. މި ސިގްނަލް ރިސީވަރުން (އެބަހީ ކަޅުފޮށިން) އިންސާނުންނަށް ދެނެގަތުމަށް ފަސޭފަވާނެފަދަ ގޮތަކަށް ސްކްރީން ޑިސްޕްލޭއަށް ދަށްކުވައިދެއެވެ.

ބައެއް މަސްވެރިންނަށް ވިސްނޭގޮތުގައި ފިޝްފައިންޑަރުން ދައްކާ މަސް ހުރުން އެންމެ ކައިރީ ދޯނީގެ ބަޑުފިލާ ދަށުގައި ކަމަށް ވިސްނެއެވެ. މުޅިން އެއީ ރަނގަޅު ވިސްނުމެއްނޫނެވެ. އެއީ ޓްރާންސްޑިއުސަރުން ފޮނުވާ ސައުންޑް ވޭވް ދަތުރު ކުރާނީ ތިރިއަށް ފެތުރޭ ގޮތަށެވެ. ލޯ ފްރެކުއެންސީގައިނަމަ ތިރިއަށް ބޮޑަށް ކޯން ބައްޓަމަށް ސައުންޓް ވޭވް ފެތުރޭނެއެވެ. ވީމާ އެންވެރިކަމަށް ނުކުމެ އުޅޭއިރު ފިޝްފައިނޑަރުގައި މަސް ޖަހާނަމަ ދޯނި ވަށައިގެން އެން ހުރިތޯ ޑައިވްކޮށްލާފައި ބަލާލުން ވަރަށް މުހިއްމެވެ. ބައެއް ބޭފުޅުން މިހާރު ކަންކުރަމުން އަންނަ ގޮތަކީ ދޯނީގެ ބަނޑުފިލާދަށުގައި އެންހުރިތޯ ބަލައި ނުފެނުމުން އެހެން ޕޮއިންޓަކަށް ދަނީއެވެ. އެއީ އިތުރަށް އަންދާލެވޭ ތެލެވެ.

ޖުމްލަކޮށް ބަލާއިރު ފިޝްފައިންޑަރުގެ ވަރަށް ގިނަ ވައްތަރުތަށް ހުރެއެވެ. ޓްރާންސްޑިއުސަރަކީ މަސް ހޯދުމުގެ އެއްމެ މުހިއްމު އެއް މާއްދާ އެވެ. ފެންވަރު ރަނގަޅު ޓްރާންސްޑިއުސަރެއް ހޯދައި، އޭތި ހަރުކުމުގެ މިންގަނޑުތަކަށް ބަލާ ސަމާލުކަން ދިނުމަކީ އޭގެ މަސައްކަތަށް ވަރަށް މުހިންމު ކަމެކެވެ. ގޯސްކޮށް ހަރު ކުރެވިއްޖެނަމަ އެއަރރޭޝަން، އަޑު އަދި ކެވިޓޭޝަންގެ ސަބަބުން ފިޝްފައިންޑަރ އެއްމެ ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރާނެއެވެ.

ޓްރާންސޮމް މައުންޓް ޓްރާންސްޑޫސަރ

ޓްރާންސޮމް މައުންޓް ޓްރާންސްޑޫސަރަކީ އާންމުކޮށް އިންސްޓޯލް ކުރަން ފަސޭހަ އަދި އާންމުކޮށް އަގުހެޔޮ އެއްޗެކެވެ. ސިންގަލް ނުވަތަ ޑްއަލް ފްރީކުއެންސީ މޮޑެލްގެ ޓްރާންސޮމް މައުންޓް ޓްރާންސްޑޫސަރެއް ގަނެވިދާނެއެވެ. އާންމުކޮށް އެންމެ ރަނގަޅަށް މި ޓްރާންސްޑިއުސަރ މަސައްކަތް ކުރަނީ 15 ނޮޓަށްވުރެއް މަޑުން ދޯނި ދުއްވާނަމައެވެ. އެހެންނޫންނަމަ ދައްކުވައިދޭ މަންޒަރު އެހާ ރަނގަޅެއް ނުވާނެއެވެ.

ތްރޫ ހަލް މައުންޓް ޓްރާންސްޑޫސަރ

ތްރޫ ހަލް ޓްރާންސްޑޫސަރ އަކީ މިއިން ދައްކުވައިދޭ މަންޒަރު އެއްމެ ސާފޮށް ދައްކުވައިދޭ އަދި މިއިންކުރާ މަސައްކަތް އެންމެ ރަނގަޅު ޓްރާންޑިއުސަރއެވެ. މި ޓްރާންޑިއުސަރ ހަރުކުރުމަށް އުނދަގޫ ވެފައި ޚަރަދު ބޮޑެވެ. ހަރުކުރަން ދެޖޭނީ ވަކި ޑިގްރީއަކަށެވެ. އަދި ފަށަނުގެ ވަކި އުސްމިނަކަށެވެ. ބާރަށް ދުއްވާ އުޅަނދުފަހަރަށް މޫދުގެ އަޑި ބެލުމަށް މިއީ ވަރަށްވެސް އަގުހުރި އިންވެސްޓްމަންޓަކަށް ވެގެންދެއެވެ.

އިން-ހަލް ޓްރާންސްޑޫސަރސް

އިން-ހަލް ޓްރާންސްޑިއުސަރ އަކީ ނިފްޓި ޑިޒައިނެކެވެ. މިއީ ދޯނީގެ އެތެރޭގައި ހަރުކުރާ ވައްތަރުގެ ޓްރާންޑިއުސަރއެވެ. މިބާވަތުގެ ޓްރާންޑިއުސަރގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ޓްރާންޑުއުސަރުގައި އެއްވެސް އެއްޗެއް ޖެހިދާނެ ކަމުގެ ބިރު ނެތުމެވެ. އަދި ޑްރޭގް ވެސް އިމްޕްރޫއުވުމެވެ. މިއާއެކު ދުވަހަކުވެސް އެއްވެސް މެއިންޓެނަންސްއެއް ކުރަން ބޭނުންވެއްޖެނަމަ، ދޯނި ފެނުން މަށްޗަށް ނުނަގާ ނައްޓާލެވޭނެއެވެ. މި ބާބަތުގެ ޓްރާންޑިއުސަރުގެވެސް ވަރަށް މަންޒަރު ސާފުކޮށް ޖަހާނެއެވެ.

ޓްރާންސްޑޫސަރ ކޮލިޓީ

ޓްރާންސްޑޫސަރ އެލިމެންޓްތަކުގައި ބޭނުންކުރާ މެޓީރިއަލްގެ ސަބަބުން ވެސް ފިޝްފައިންޑަރުގެ ޕާފޯމަންސަށް އަސަރުކުރެއެވެ. ފެންވަރު ދަށް ޓްރާންސްޑޫސަރަކީ ފިޝްފައިންޑަރސް (ޓްރާންސްމިޝަން) ޕަވަރ ފެނުގައި ޓްރާންސްފާ ކުރުމުގައި ނާކާމިޔާބު ވެފައިވާ އެއްޗެކެވެ. ސިގްނަލް ބަލިކަށި ވުމުގެ މާނައަކީ މަސް ހޯދުމުގެ ގާބިލްކަން ދަށްވުމާއި، ޑެފިނިޝަން ދަށްވުމާއި، ފުށްވިން ޖަހާ މިންވަރު ދަށްވުމެވެ. ޓްރާންސްޑިއުސަރުގެ އަސާސީ ދެ ވައްތަރެއް ވެއެވެ. މެގްނެޓޯސްޓްރިކްޓިވް އަދި ސެރަމިކް އެވެ. ސެރަމިކް ޓްރާންސްޑޫސަރސް އަކީ ވަރަށް ވަރުގަދަ އަދި ވަރަށް ރަނގަޅު ފެންވަރުގެ މަންޒަރުތަކެއް ލިބިގެންދާ އެއްޗެކެވެ. އެއާއި ހިލާފަށް މެގްނެޓޯސްޓްރިކްޓިވް ޓްރާންޑިއުސަރުގެ މަންޒަރު އެހާ ސާފެއް ނުވާނެއެވެ.

ޓްރާންސްޑޫސަރގެ ފްރީކުއެންސީ

ޓްރާންސްޑޫސަރ ހަދާފައި ހުންނަނީ ދަށް އަދި މަތީ ފްރީކުއެންސީތަކުގައެވެ. އާންމުކޮށް ލޯ (ދަށް) ފްރީކުއެންސީއަކީ 50 އާއި 100 ކިލޯ ހާރޒް އާއި ދެމެދުގެ މިންވަރެކެވެ. ހައި (މަތީ) ފްރީކުއެންސީ މޮޑެލްތަކުގައި އާންމުކޮށް ހުންނަނީ 180 އާއި 200 ކިލޯ ހާރޒް އެވެ. ލޯއަރ ފްރީކުއެންސީ ސައުންޑް ވޭވް ވަރަށް ދުރަށް ދަތުރުކުރެއެވެ. އެއީ ފެނުގެ ތެރެއަށް އިތުރަށް (ފުނަށް) ވަދެގެން ދާނެއެވެ. ވުމާއެކު ފުނުގައި އުޅޭ މަސް ބޮޑު ރޭންޖެއްގައި ޖަހާނެއެވެ.  

ނޯޓް: ވަކިން ޓްރާންސްޑޫސަރެއް ގަންނަނަމަ، ނުވަތަ މިހާރުވެސް ޓްރާންސްޑޫސަރެއް ހުރިނަމަ، އެ މޮޑެލް މަސައްކަތްކުރާނީ ފިޝް ފައިނޑަރުގެ ފްރީކުއެންސީ ގައިޑްލައިންތަކާ އެއްގޮތަށްކަން ޔަޤީންކުރައްވާށެވެ. މިއީ އުފުލާ ގެންގުޅޭ ފިޝް ފައިންޑަރުގެ އިތުރުން ދޯނީގައި ހަރުކުރާ މޮޑެލްތަކަށް ވެސް ޚާއްޞަ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *