މަސްވެރިންނަށް މި ސަރުކާރު ފެއިލްވެއްޖެ، މަސްވެރިން ވުޒާރާގެ މިނިސްޓަރު ފެއިލްވެއްޖެ

މަސްވެރިން ކިރާ މަހަށް ފައިސާނުދޭ މައްސަލައިގެ ކަންބޮޑުވުން އިންތިހާއަށް މަސްވެރިން ފާޅުކުރަމުންދާއިރު އެކަމުގެ އެއްވެސް ހައްލެއް ހޯދައިދިނުމުގެ އެއްވެސް އިޝާރާތެއް ސަރުކާރުގެ ފަރާރުން ވެފައި ނުވާތީ ބައެއް މަސްވެރިން މިހާރު ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނަންފަށައިފިއެވެ.

މަސްވެރިން ކިރުވި މަހަށް ފައިސާނުލިބި 2 މަސް ދުވަސް ވެފައިވުމާގުޅިގެން އެކަމުގެ ކަންބޮވުން  ހާމަކުރުމަށް މިއަދު ވަނީ ފަރެސްމާތޮޑާ މަސްވެރިން އެއްވުމެއް ބާއްވާފައެވެ. ހަމައެއާއެކު ސޯސަލް މީޑިއާގައި މަސްވެރިން ކޮށްފައިވާ ވަރަށް ގިނަ ޕޯސްޓުތަކުގައި މަސްވެރިންގެ މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދެމުން އެބަދެއެވެ.

އެގޮތުން، މި ސަރުކާރަކީ މަސްވެރިން ގެނައި ސަރުކާރެއްކަމާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ބަދަލުކޮށް މި ސަރުކާރު ގެނައީ އަޅުގަނޑުމެން ވަރަށްވެސް ފޮނި އުންމީދެއްގައި ކަމާއި، އެހެންނަމަވެސް 2 މަސްދުވަސްވެގެންދާއިރު މަސްވެރިންނަށް ކިރުވި މަހަށް ފައިސާ ނުދެވި މި ފެންނަނީ މަސްވެރިންގެ ލާރިކޮޅު ސަރުކާރުގެ ބޮޑުން މުސާރައިގެ ގޮތުގައި ނަގަމުންދާތަން ކަމަށް މަސްވެރިއާ އަލިބެ ހާމަކޮށްފައި ވެއެވެ. އަދި ހަމައެއާއެކު ސަރުކާރަށް ރުޅިވެރިކަން ފާޅުކުރުމާއެކު އޭނާވަނީ މަސްވެރިން މަގުމަށްޗަށް ނުކުންނާނެ ކަމަށާއި މި ސަރުކާރާއި މަސްވެރިންގެ ވުޒާރާގެ ވަޒީރު ފެއިލްވެއްޖެ ކަމަށާއި ސަރުކާރު ބަދަލުކުރަން ނުކުންނާނެކަމަށް ބުނެ ވަރަށްބޮޑަ ނުރުހުން ފާޅު ކޮށްފައެވެ.

މަސްވެރިން ކިރުވި މަހަށް ފައިސާނުލިބި ޒަރޫރީބޭނުންތައް ފުއްދުމަށް ދަތިވެފައިވާ މި ހާލަތުގައި އެބޭފުޅުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުން ހައްސާސީ މައަސަލައެއްގޮތުގައި މި މައްސަލަ ބަލައިދިނުމަކީ މިވަގުތު ރައްޔިތުން ތަމްސީލްކުރުމަށް ތިއްބެވި މެންބަރުންގެ ޒިންމާއެއްކަމުގައި މަސްވެރިން ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *